21 ޖޫން 2021 - 19:27

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތަނބުތަކާއި ފާރަށް މޮހޮރާއި އިސްކުރު ޖެހުން ފަދަ ކަންކަމަކީ އިމާރާތަށް އުނި އިތުރުކަން އަންނާނެ ކަންކަމުގެ ބަޔާންކޮށް އެ ކަންކަން އާންމު އުސޫލެއްގެ ގޮތުން މަނާކޮށްފައި އޮތަސް ހުއްދަ ހޯދައިގެން އެކަން ކުރެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކުރި ޑްރާފްޓް އެއްބަސްވުމުގައި ބުނެފި އެވެ.
ހިޔާ މަޝްރޫއުގެ 6،720 ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ވަނީ އެ ކުންފުނީގެ ވެބްސައިޓުގައި އެއްބަސްވުމުގެ ޑްރާފްޓް ކޮޕީއެއް އާންމުކޮށްފަ އެވެ. އޭގައި ހުރި ކަންކަމުގެ ތެރެއިން، ފާރަށް މޮހޮރާއި އިސްކުރު ޖެހުން ފަދަ ކަންކަން މަނާ ކަމަށް އޮތުމުން ބައެއް މީހުން އަންނަނީ ބަދިގެ ކަބަޑު ސެޓް ފަދަ ތަކެތި ވެސް އެތަނުގައި ހަރުކުރުން މަނާވާނެ ކަމަށް ބުނެ ފާޑުކިޔަމުންނެވެ. އެއީ ފިނިޝިންގެ އެއްވެސް ކަމެއް ނުކޮށް ހުރި ތަންތަނަށް ވާތީ މިއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި އެ މީހުން ފާހަގަކުރެ އެވެ.
އެ ޑްރާފްޓުގެ 12 ވަނަ ބައިގައިވާ ގޮތުން، ފްލެޓަށް އުނި އިތުރު ކަމެއް އަންނާނެ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެކެވެ. އޭގެ ތެރޭގައި ފްލެޓްގެ ތަނބުތަކަށާއި ބެރިތަކަށާއި ތަޅުންގަނޑާއި ފަންގިފިލާއަށް މޮހޮރާއި އިސްކުރުފަދަ ތަކެތި ޖެހުމާއި ތޮރުފުމާއި، ލޯވަޅު އެޅުން ހިމެނެ އެވެ. އަދި ފާރުގައި ލޯވަޅު އެޅުމާއި ފާރުން ތަނެއް ކެނޑުމާއި ކޮންކްރީޓުން ހަދާފައިވާ އެއްވެސް ފާރަކަށް އެއްވެސް ބަދަލެއް ގެނައުމަކީ ވެސް މަނާ ކަމެކެވެ. އޭގެ ތެރޭގައި އިސްކޫރު ޖެހުމާއި މޮހޮރު ޖެހުން ވެސް ހިމެނެ އެވެ.
ނަމަވެސް އެއްބަސްވުމުގެ 12 ވަނަ މާއްދާގެ ކ. ގައިވާ ގޮތުން ފާރު ތޮރުފުން، އިމާރާތުގައި ތަކެތި ހަރުކުރުންފަދަ މަސައްކަތެއް އެޗްޑީސީ ނުވަތަ އިމާރާތް ބަލަހައްޓާ ފަަރާތުގެ ހުއްދައަކާ އެކު ކުރެވޭނެ އެވެ. އެކަމަކު ވިއްކާ ފަރާތުގެ ނުވަތަ އިމާރާތް ބަލަހައްޓާ ފަރާތުގެ ހުއްދަ ލިބުމަށް ފަހު ނުވަތަ ހުއްދަނެތި ނަމަވެސް ފްލެޓް ގަންނަ [ލިބޭ] ފަރާތުން ނުވަތަ އެ ފަރާތުގެ ޕަވާ އޮފް އެޓާނީ ލިބިފައިވާ ފަރާތަކުން ކުރާ ކަމެއްގެ ޒިންމާ ވިއްކާ ފަރާތުން ނުވަތަ އިމާރާތް ބަލަހައްޓާ ފަރާތުން ނުއުފުލާނެ ކަމަށް ވެސް އެއްބަސްވުމުގައިވެ އެވެ.
ފްލެޓް ލިބޭ މީހުން ނުކުރަން އެެއްބަސްވާ ކަންތައްތަކުގެ ތެރޭގައި ދެން ހިމެނެނީ ދިރިއުޅުން ނޫން އެހެން ކަމަކަށް މުޅި ފްލެޓު ނުވަތަ ފުލެޓުގެ ބޮޑު ބައެއް ބޭނުންކުރުމާއި، ވިއްކާ ފަރާތުގެ ނުވަތަ އިމާރާތް ބަލަހައްޓާ ފަރާތުގެ ހުއްދަ ލިޔުމަކުން ލިބިގެން ނޫން ގޮތަކަށް ފުލެޓުގެ މައި ފާރަކަށް، ނުވަތަ ފުލެޓުގެ ބޭރަށް ނުވަތަ އެތެރެއަށް ބަދަލެއް ގެނައުން ނުވަތަ މަރާމާތެއް ކުރުމެވެ.
އެއްބަސްވުމުގައި ބުނާ ގޮތުން، ފްލެޓް ގަންނަ ފަރާތުން އިމާރާތުގެ ސްޓްރަކްޗާއަށް ގެއްލުން ލިބޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ އެވެ. އަދި ތަނުގެ ފަރުމާ އާއި އިމާރާތާއި ތަނުގައި ދިރިއުޅޭ މީހުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ވެސް ކޮށްގެން ނުވާނެ އެވެ. އެފަދަ ކަމެއްކޮށްފި ނަމަ، އެކަމުގެ ކުޑަ ބޮޑު މިނަށް ބެލުމަށް ފަހު ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެއްބަސްވުމުގައިވެ އެވެ.
މިއީ މިހާރު ހުޅުމާލޭގައި ދޫކޮށްފައިވާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ވެސް މައިގަނޑު ގޮތެއްގައި ހިމެނޭ ކަންކަމެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 25 ބުރީގެ 16 ޓަވަރުގައި އަޅާފައިވާ 6،720 ފްލެޓް ލިބުނު މީހުންނާ އެކު އެކަމުގެ އެގްރީމެންޓްގައި އަންނަ މަހުގެ 14 ވަނަ ދުވަހު ސޮއި ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކުންފުންޏާ ހަވާލުކޮށްގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެ މަޝްރޫއުގެ އެއްބަސްވުމުގައިވާ ގޮތުން ފްލެޓްތައް ހަވާލުކުރާނީ ފިނިޝިން ނުނިންމަ އެވެ. މައި ދޮރު ފިޔަވައި އިތުރު ދޮރުތައް ހަރުކުރުމާއި ތަށިމުށި ޖެހުމާއި، ބޮކި، ފަންކާ، ލައިޓް ހަރުކުރުމާއި، ބަދިގެ ސެޓް ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނީ ފްލެޓް ލިބޭ މީހުންގެ އަމިއްލަ ހަރަދުގަ އެވެ.
އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް ދީގެން މަޝްރޫއު ކުރިއަށް ގެންގޮސްފައިވާތީ މަހު ކުލީގެ ގޮތުގައި 25 އަހަރަށް ބަހާލައިގެން 7500 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި މެނޭޖްމަންޓް ފީއަށް މަހަކު 1000 ރުފިޔާ ދައްކަން ޖެހެ އެވެ. ގާތްގަނޑަކަށް 550 އަކަފޫޓުގެ ދެ ކޮޓަރީގެ ފްލެޓެއް، ފިނިޝިން ނުލައި، ހަވާލުކުރާއިރު މަހު ކުލީގެ ގޮތުގައި އެ އަދަދު ބޮޑު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.