ލެސްޓާ އެއް ވަނަ ހޯދިއިރު ޓޮޓެންހަމް ކަޓައިފި
ލެސްޓާ އެއް ވަނަ ހޯދިއިރު ޓޮޓެންހަމް ކަޓައިފި

ލެސްޓާ (ނޮވެމްބަރު 23) – ކްލަބް ބްރުޖް އަތުން 2-1 އިން މޮޅުވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީ ގެ އެއް ވަނަ މަގާމް އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ ހޯދިއިރު މޮނާކޯ އަތުން 2-1 އިން ބަލިވެ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުން ކަޓައިފަ އެވެ.

މިދިޔަ ސީޒަނުގެ އިނގިރޭސި ލީގު އެންމެން ހައިރާންކޮށްލުމަށް ފަހު ހޯދި ލެސްޓާ އިން މި ފަހަރުގެ ލީގުގައި ދަށް ނަތީޖާތަކެއް ހޯދި ނަމަވެސް ޗެމްޕިއަންސް ލީގުގައި ތަފާތެވެ. އެ ޓީމު ގްރޫޕުގެ އެއް ވަނަ ހޯދީ ބާކީ އެއް މެޗު އޮއްވާ 13 ޕޮއިންޓާ އެކު އެވެ. ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު އެއް މެޗުން އެއްވަރުވީ އެވެ.

މި ގްރޫޕުގެ ދެ ވަނައިގައި އަށް ޕޮއިންޓާ އެކު ޕޯޗުގަލްގެ ޕޯޓޯ އޮތްއިރު ތިން ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ކޯޕެންހޭގަން އެވެ. އެ ދެ ޓީމުގެ މެޗު ރޭ 0-0 އިން އެއްވަރުވިއިރު ދެ ޓީމަށް އަދި ދެ ވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތް ބުރުޖް ވަނީ ކަޓައިފަ އެވެ.

ލެސްޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި އެ ޓީމުން ވަނީ ޖަޕާން ފޯވާޑް ޝިންޒީ އޮކަޒާކީގެ ގޯލުން ލީޑު ނަގައިފަ އެވެ. ދެ ވަނަ ލަނޑު 30 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކުރީ ރިޔާޒް މަހްރޭޒެވެ. ބްރުޖްގެ ހަމައެކަނި ގޯލް 52 ވަނަ މިނެޓުގައި ޖެހީ ހެރިބާޓޯ އިޒްކުއިއާޑޯ އެވެ.

މި ސީޒަނުގައި ޕްރިމިއާ ލީގުގެ މެޗަކުން އަދި ބަލިވެފައިނުވާ ޓޮޓެންހަމް ގްރޫޕް ސްޓޭޖުން ކެޓީ އެ ޓީމަށް، އެއް ވަނައިގައި 11 ޕޮއިންޓާ އެކު އޮތް މޮނާކޯ އާއި ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ބެޔާ ލެވަކޫސަން އަށް ވުރެ ކުރި ހޯދޭނެ ގޮތެއް ނެތުމުންނެވެ. ހަތަރު ޕޮއިންޓާ އެކު ޓޮޓެންހަމް އޮތްއިރު ފަހު މެޗުން މޮޅުވެ ހަތް ޕޮއިންޓް ލިބުނު ނަމަވެސް ހެޑް-ޓު-ހެޑް އިން ލެވަކޫސަން އަށް ވުރެ ކުރި ނުލިބޭނެ އެވެ. ތިން ޕޮއިންޓާ އެކު ފުލުގައި އޮތް ސީއެސްކޭއޭ މޮސްކޯ ވަނީ ކަޓައިފަ އެވެ. ގްރޫޕުގެ ތިން ވަނަ ހޯދައި ޔުރޮޕާ ލީގަށް ދިއުމުގެ ފުރުސަތު ޓޮޓެންހަމް އާއި މޮސްކޯ އަށް އެބައޮތެވެ.

ޓޮޓެންހަމް އާއި މޮނާކޯ ރޭ ފްރާންސުގައި ކުޅުނު މެޗުގައި މޮނާކޯ އިން ލީޑު ނެގީ ޖިބްރީލް ސީޑިބޭގެ ގޯލުންނެވެ. ޕެނަލްޓީއަކުން ހެރީ ކޭން ޓޮޓެންހަމް އަށް އެއްވަރުކޮށްދިން ނަމަވެސް ތޯމަސް ލޭމާގެ ލަނޑުން މޮނާކޯ މޮޅުވި އެވެ.