ބީއެމްއެލްގެ އާ އެޕްލިކޭޝަނުން ކިއުއާރް ކޯޑުން ފައިސާ ދެއްކޭގޮތް ހަދަނީ
ބީއެމްއެލްގެ އާ އެޕްލިކޭޝަނުން ކިއުއާރް ކޯޑުން ފައިސާ ދެއްކޭގޮތް ހަދަނީ

ބީއެމްއެލް އިން އަލަށް ތައާރަފްކުރި އެޕްލިކޭޝަނުން ކިއުއާރް ކޯޑް ބޭނުންކޮށްގެން ފައިސާ ދެއްކޭ ގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށް ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މިދިޔަ ހޮނިހިރު ދުވަހު ތައާރަފްކުރި އެ ބޭންކްގެ އާ މޯބައިލް އެޕްލިކޭޝަނަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. ހިދުމަތް ހޯދަން އިތުރަށް ފަސޭހަވާނެ ފީޗާތައް މި އެޕަށް ކުރިއަށް އޮތްތަނުގައި ވެސް އިތުރު ކުރާނެ ކަމަށް ބޭންކުން ބުންޏެވެ.

މި އެޕްލިކޭޝަންގައި ހިމެނޭ އާ ފީޗާތަކުގެ ތެރޭގައި އެކައުންޓަށް ފައިސާ ފޮނުވާ އިރު އެކައުންޓް ނަންބަރު ޖެހުމުން ވެރިފަރާތުގެ މައުލޫމާތު ފެންނަން ހުރުމާއި އެކައުންޓްގެ ވެރިފަރާތުގެ މައުލޫމާތުތައް ކަށަވަރުކޮށްދޭ އިތުރު މައުލޫމާތު ފެންނަން ހުރުން ހިމެނެ އެވެ. މީގެ އިތުރުން "ކުއިކް ޕޭ" ފީޗާ އިން އެކައުންޓް ނަންބަރު ސޭވް ނުކޮށް ވަގުތުން ފައިސާ ފޮނުވާލެވޭނެ އެވެ.

އާ އެޕްލިކޭޝަންގައި ފައިސާ ފޮނުވުމަށް ލިބޭ ރިސިޓް އަމިއްލައަށް ސޭވްވުމާ އެކު ކޮންމެ ވަގުތެއްގައި އެ މުއާމަލާތުގެ ތަފްސީލުތައް ބަލައިލެވޭނެ އެވެ. އަދި އެޕް މެދުވެރިކޮށް ބޭންކިން އެހެން ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

އާ އެޕްލިކޭޝަން ތައާރަފްކުރުމަށް ފަހު ބޭންކްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ، އަލަށް ތައާރަފުކުރެވުނު މި އެޕްގައި ކުރިން ހަމައެކަނި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބެމުންދާ ހިދުމަތްތައް ހިމެނުނު ނަމަވެސް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާތައް އަންނާނެ ކަމަށެވެ. މިއާ އެކު ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެ އެވެ.