އަމާޒަކީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދިޔަނުދިނުން
އަމާޒަކީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދިޔަނުދިނުން

އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މުއާހަދާއާ ގުޅޭ ގޮތުން މިހާރު ވިއެނާގައި ކުރަމުންދާ މަޝްވަރާތަކުގައި، އެމެރިކާ އިން އެންމެ ބޮޑު އިސްކަމެއް ދެނީ، އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބޭނެ ގޮތް ވިޔަނުދިނުމަށް ކަމަށް އެމެރިކާ އިން އިއްޔެ ބުނެފި އެވެ.

ނިއުކްލިއާ ވާހަކަތަކުގައި ބައިވެރިވާ، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖެކް ސުލީވާން އޭބީސީ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވިއެނާގައި ކުރިއަށް ދާ ނިއުކްލިއާ ވާހަކަތަކުން ނަތީޖާއެއް ހާސިލުކުރުމަށްޓަކައި، ކަޑައްތުކުރަންޖެހޭ ރާސްތާ އަދި ވަރަށް ދިގު ކަމަށެވެ. ސަބަބަކީ ނިއުކްލިއާ މަޝްރޫއުގެ މުއާހަދާއާ ގުޅޭ ގޮތުން ހައްލުކުރަންޖެހޭ ގިނަ މައްސަލަތަކެއް އަދިވެސް ހުރުމެވެ.

އޭގެ ތެރޭގައި ނިއުކްލިއާ މުއާހަދާގައިވާ ކަންކަމަށް އަމަލުކުރާ ގޮތާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ މައްސަލަ ހިމެނެ އެވެ. މި ވާހަކަތަކުގައި ބައިވެރިވާ އީރާންގެ އިސް މަންދޫބު އައްބާސް އިރާގްޖީ އިއްޔެ ވިދާޅުވީ ނިއުކްލިއާ މުއާހަދާއާ ބެހޭ ގޮތުން އެއްބަސްވުމަކަށް އައުން ވަރަށް ގާތްވެއްޖެ ކަމަށެވެ.

އެމެރިކާގެ މުސްތަޝާރު ޖެކް ސުލީވާން ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިން ހުށަހަޅާ ކަންކަން އީރާނުން ގަބޫލުކުރުމާ މެދު އެންމެ ފަހު ގޮތް ނިންމާނީ އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާ އިން ބޭނުންވަނީ، ކުރީގެ ރައީސް އޮބާމާގެ ވެރިކަމުގައި އީރާނާ އެކު އެންމެ ފުރަތަމަ ސޮއިކުރި ނިއުކްލިއާ މުއާހަދާގައި ހުރި ގޮތަށް، ނިއުކްލިއާ މުއާހަދާ އަށް އީރާން އަމަލުކުރުމެވެ.

އެ މުއާހަދާއަށް ވުރެ ވަރުގަދަ އަދި ޝާމިލްކަން ބޮޑު މުއާހަދާއަކާ ބެހޭ ގޮތުން ވާހަކަ ދެއްކޭނީ، ފުރަތަމަ މުއާހަދާގައިވާ ކަންކަން ތަންފީޒު ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ، ނިއުކްލިއާ މުއާހަދާ އަށް އީރާން އަމަލުކުރުމުން، އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާ ބެހޭ އެއްބަސްވުމަކަށް އީރާނުން ކުރަމުން އަންނަ މަސައްކަތަށެވެ.

އީރާންގެ އިސް މަންދޫބު އައްބާސް އިރާގްޖީ ވިދާޅުވީ ވިއެނާގައި ކުރިއަށް ދާ ނިއުކްލިއާ މަޝްވަރާތަކުގެ ހަ ވަނަ ބުރުގެ އެންމެ ފަހު ދުވަހަކީ އިއްޔެ ކަމަށެވެ. އެހެންކަމުން، މިހާރު އޮންނަންވާނީ މިހާރު ކުރިއަށްދާ މަޝްވަރާތަކާ މެދު، ހުރިހާ ގައުމުތަކަށް ވެސް އެއްބަސްވުމަކަށް އާދެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަހަރުގެ ވާހަކަތަކުގައި ބައިވެރިވާ ގައުމުތަކުގެ ވަފްދުތަކުގެ މެދުގައި ވަރަށް ބޮޑަށް ހިޔާލުތައް އެއްގޮތް ކުރެވިއްޖެ ކަމަށާއި، މިހާރު ދެބަސްވުން ހުރި ކަންތަކަކީ ކޮބައިކަން ހުރިހާ ގައުމުތަކަށް ވެސް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި މިފަހަރުގެ މަޝްވަރާތަކަށް ފަހު، ހުރިހާ ވަފްދުތައް އެމީހުންގެ ގައުމަށް އެނބުރި ދިޔުމަށް ފަހު، ދެން މަޝްވަރާގެ މޭޒު ދޮށަށް އަންނާނީ، އިތުރަށް މަޝްވަރާ ކުރުމުގެ ބަދަލުގައި، ކުރެވުނު މަޝްވަރާތަކާ މެދު ގޮތެއް ނިންމުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލާތުގެ އިއްތިހާދުގެ ހާރިޖީ ސިޔާސަތާ ބެހޭ އިސް މަންދޫބު ޖޯސެޕް ބޮރެލް ވިދާޅުވީ، އީރާނާ އެކު 2015 ވަނަ އަހަރު ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ މެދު ގޮތެއް ނިންމުމުގެ ފުރުސަތު އީރާނަށާއި، މުއާހަދާގެ އެހެން ބައިވެރިންނަށް އަދިވެސް އެބަ އޮތް ކަމަށެވެ. އެހެން ނަމަވެސް ވަގުތު ދަނީ ކުޑަތަންވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައިރޫތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮރެލް ވިދާޅުވީ ނިއުކްލިއާ މަޝްރޫއުގެ މައްސަލައިގައި އެއްބަސްވުމަކަށް އާދެވުން ވަރަށް ގާތްވެއްޖެ ކަމަށެވެ. އަދި އެއްބަސްވުމަކަށް އާދެވުމުން، މެދުއިރުމައްޗަކީ މިހާރަށް ވުރެ އަމާން ސަރަހައްދަކަށް ވެގެންދާނެ ކަމަށާއި، އީރާނުގެ ތެލުގެ ވިޔަފާރިއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި މާލީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތައް ލިބުމުން، އީރާންގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ، އީރާންގެ ނިއުކްލިއާ މުއާހަދާ އިން، މީގެ ތިން އަހަރު ކުރިން އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށެވެ. އިއްޔެ ވިއެނާގައި ކުރިއަށް ދިޔަ ނިއުކްލިއާ މުއާހަދާއާ ބެހޭ ވާހަކަތަކުގައި އީރާނާއި އެމެރިކާއާ ދެމެދު ސީދާ މަޝްވަރާތަކެއް ނުބާއްވަ އެވެ.