ހިޔާ ފްލެޓްގެ އެގްރީމެންޓްގެ ޑްރާފްޓް ވެބްސައިޓަށް
ހިޔާ ފްލެޓްގެ އެގްރީމެންޓްގެ ޑްރާފްޓް ވެބްސައިޓަށް

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުންނަށް ފްލެޓްގެ އެއްބަސްވުން ވަކިވަކިން ފޮނުވުމަކީ ދަތި ކަމަކަށްވާނެތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވެބްސައިޓުގައި ޑްރާފްޓް އެއްބަސްވުން އާންމުކޮށްފި އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން މިވަގުތު ދަނީ ހިޔާ މަޝްރޫއުގައި އިމާރާތްކުރި 6720 ފްލެޓް ލިބުނު މީހުންނަށް ފްލެޓް ހަވާލުކުރުމުގެ ތައްޔާރީތައް ވަމުންނެވެ. އެކަމަކު އެ މަޝްރޫއުއަކީ ބޮޑު މަޝްރޫއުއެއްކަމުން ވަކިވަކިން ފްލެޓްގެ ޑްރާޕްޓް އެއްބަސްވުން ފޮނުވަން އުނދަގޫވާނެ ކަމަށާއި ހުރިހާ އެންމެނަށް ފަސޭހައިން ފެންނާނެ ގޮތަށް އެއްބަސްވުމުގެ ޑްރާފްޓް ވެބްސައިޓުގައި އާންމުކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ މިހާރު އާންމުކޮށްފައިވާ ޑްރާފްޓް އެއްބަސްވުމަށް ބަދަލެއް އައުން ވެސް އެކަށީގެންވާ ކަމަށެވެ. އެކަމަކު އެފަދަ ބަދަލެއް ގެނެވޭނަމަ، އެކަން އިއުލާންކުރުމަށް ފަހު، އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު ފްލެޓް ލިބުނު މީހުންނާ އެކު އެގްރީމަންޓްގައި ސޮއިކުރާނެ ކަމަށް ކުރިން ސަރުކާރުން ބުނެފައިވެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެޅި ދެ ކޮޓަރީގެ ފްލެޓްތައް ހަވާލު ކުރާނީ ފާހާނާގައި ދޮރުފަތް ހަރުނުކޮށް، އަދި ތަށިމުށި ވެސް ނުޖަހަ އެވެ. ފަންކާ އާއި ލައިޓުތަކާއި ފްލެޓުގައި ކުލަ ލާން ޖެހެނީ ވެސް ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

އެޗްޑީސީން ނިންމާފައި ވަނީ އެޕާޓްމެންޓުތަކުގެ އެ މަސައްކަތްތައް ނިންމުމަށް ތިން މަސް ދުވަސް ދިނުމަށެވެ. އެ ދުވަސްވަރު އެ ފްލެޓުތަކުން އެއްވެސް ފީއެއް ނުނަގާނެ އެވެ.

ފްލެޓުތަކުން މަހު ކުލީގެ ގޮތުގައި 25 އަހަރަށް ބަހާލައިގެން 7500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ނަގަން ނިންމާފައިވެ އެވެ. އަދި ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގަން ވެސް ސަރުކާރުން ނިންމާފައިވެ އެވެ.

ޑައުން ޕޭމަންޓެއް ދައްކަން ނުޖެހުނަސް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.