21 ޖޫން 2021 - 15:04

ރޯމް (ޖޫން 21) - އަހަރުތަކެއް ކުރިން އިޓަލީގެ ފުޓްބޯޅަ ބިނާވެފައި އޮތީ، ޑިފެންސިވް ސްޓްރެޓެ ޖީއެއްގެ މައްޗަށް ކުޅޭ ޓީމެއްގެ ގޮތުގަ އެވެ. އެ ސިފަ މަޑުމަޑުން ބަދަލުވަމުން އައިސް އިޓަލީގެ ފުޓްބޯޅަ މުޅިން އަނބުރައިލައިފި އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައި ނުވުމުން، އެ ޓީމުގެ ކޯޗްކަން ހަވާލުކުރީ ރޮބާޓޯ މަންޗިނީ އަށެވެ.

އިޓަލީގެ މުޅި ފުޓްބޯޅަ އޭނާ ބަދަލު ކުރި އެވެ. ބައިކޮޅަށް އެންމެ ގޯލެއްވެސް ނުވަދެ، ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް މިފަހަރުގެ ޔޫރޯގައި އިޓަލީން ގުރޫޕް އޭގެ އެއް ވަނަ ހޯދި އެވެ. ޔޫރޯގެ ތާރީހުގައި ބައިކޮޅަށް ލަނޑެއް ނުވަދެ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ގްރޫޕް ސްޓޭޖްޖު ކަޑަތު ކުރި ފުރަތަމަ ޓީމަކީ އިޓަލީ އެވެ.

އިޓަލީގެ މި ކާމިޔާބުގެ އަސްލަކީ އެ ޓީމުގެ ޑިފެންސާއި އެޓޭކް އަދި މިޑްފީލްޑްގައި އޮތް އެކިއުރެސީ އެވެ. ބައިކޮޅަށް ލަނޑެއް ވަނަ ނުދީ އިޓަލީގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާ ވަނީ (މެޗުގެ ވަގުތުން ނަމަ) 1000 މިނެޓް ފުރިހަމަ ކޮށްފަ އެވެ. އޭނާ މިހާރު އުޅެނީ އިޓާލީގެ ލެޖެންޑްރީ ކީޕަރު ޑިނޯ ޒޮފްގެ ރިކޯޑް މުގުރާލުމާ ކައިރީގަ އެވެ. ޒޮފް ވަނީ 1972-1974 ށް ބައިކޮޅަށް ލަނޑެއް ވަނަ ނުދީ 1143 މިނެޓް ފުރިހަމަ ކޮށްފަ އެވެ.
އިޓަލީ އެންމެ ފަހުން މެޗަކުން ބަލިވީ ސެޕްޓެމްބަރު 2018 ގައި ޕޯޗްގަލް އަތުންނެވެ. ޔޫރޯ އާ ކުރިމަތިލިރު އެންމެ ރަނގަޅު ފޯމުގައި އޮތީ އެ ޓީމެވެ. ޔޫރޯގައި ބަލި ނުވެ 27 މެޗު އެ ޓީމުން ފުރިހަމަ ކުރީ އެވެ.
މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލި ޓީމުތަކުގެ ތެރެއިން ދުނިޔޭގެ ޗެމްޕިއަން ފްރާންސަށް ހަންގޭރީ އަތުން މޮޅު ނުވެވުނެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް ވަނީ ޖަރުމަން އަތުން ބަލިވެފަ އެވެ. ނެދަލެންޑްސްއަށް ޔޫކްރޭން ކައިރީ މޮޅެއް ނުވެވުނެވެ. އިންގްލެންޑްވެސް ޖެހުނީ ސްކޮޓްލެންޑް ކުރިމަތީ ހިމޭން ވާށެވެ. ޖަރުމަން ދަށުވީ ފްރާންސް އެވެ. ސްޕެއިން އުޅެނީ މާ ދަތިހާލެއްގަ އެވެ.
އިޓަލީގެ ކުޅުންތެރިންނަށް އިތުބާރު ލިބުނު ސަބަބަކީ ދެރަ ޓީމުތަކާ ކުޅެ މޮޅު ވުމެވެ. ގަދަ ޓީމުތަކުގެ ލިސްޓްގައި ނުހިމެނޭ ޓީމުތައް ކައިރީ ރަނގަޅަށް ކުޅޭ ނަތީޖާ ލިބުމުން އިޓަލީއަށް ބޮޑު ހިތްހަމަ ޖެހުމެއް އެބައޮތެވެ. ބަލިނުވެ 27 މެޗު ފުރިހަމަ ކުރުމުގެ ތަރުތީބުގައި އިޓަލީން ވަނީ ދެ ފަހަރަށް ގްރީސް އާ ކުޅެ ބައިކޮޅަށް، ލަނޑެއް ނުވަދެ މޮޅުވެފަ އެވެ މާޗް މަހު ސްޕެއިން އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.
އިޓަލީގެ މިޑްފީލްޑްގައި މާކޯ ވެރާޓީއަށް ފުރަތަމަ ދެ މެޗުގައި ނުކުޅެވުނަސް މެނުއަލް ލޮކަޓެލީ އާއި މަޓޭއޯ ޕެސީނާ އެ މަގާމު ރަނގަޅަށް ފޫބައްދައި ދިނެވެ. މުބާރަތަށް އައިރު ލޮރެންޒޯ އިންސީނިއާ އާއި އެންޑްރެއާ ބެލޯޓީ އަދި ފެޑްރީކޯ ކިއޭޒާ ހުރީ ރަނގަޅު ފޯމެއްގަ އެވެ.
ގުރޫޕް ސްޓޭޖުގައި އިޓަލީއާ ވާދަކުރަން ޖެހުނު ޓީމުތަކުގެ ތެރެއިން ވަރުގަދަ ބާރެއް އެ ޓީމަކާ އަދި ނުޖެހެ އެވެ. މުބާރާތުގައި ކުރިއަށް ހުރި މަރުހަލާތަކުގައި ވަރުގަދަ ޓީމަކާ ކުރިމަތިލާން ޖެހިއްޖެނަމަ އިޓަލީގެ ޓެސްޓް އަދި އެ ފެށުނީ އެވެ.