23 ނޮވެމްބަރ 2016 - 09:27

ބާލިން (ނޮވެމްބަރު 23) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ 8-4 އިން ލެހިއާ ވޯސޯ އަތުން ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވި މެޗަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ފެނުނު މެޗެވެ.
ރޭގެ މޮޅާ އެކު ގްރޫޕް އެފްގެ އެއް ވަނައިގައި ޑޯޓްމަންޑް އޮތީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ފަސް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. މި ދެ ޓީމު މިހާރު ވަނީ ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. ތިން ވަނައިގައި އޮތް ސްޕޯޓިން ލިސްބަން އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ލެހިއާ އަށް އަދި ލިބުނީ އެންމެ ޕޮއިންޓެކެވެ.
ރޭގެ މެޗުގައި ފުރަތަމަ 25 މިނިޓް ތެރޭގައި ފަސް ލަނޑު ފެނިގެންދިޔައިރު، މިވެސް ޗެމްޕިއަންސް ލީގުގެ ރެކޯޑެކެވެ. ރޭގެ މެޗުގައި ޑޯޓްމަންޑްގެ ކެޕްޓަންކަން ކުރި މާކޯ ރެއުސް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ޝިންޖީ ކަގާވާ ދެ ލަނޑު ޖެހިއިރު އޮސްމާން ޑެމްބެލޭ އަދި ފެލިކްސް ޕަސްލަޗް، ކޮންމެ ކުޅުންތެރިޔަކު އެއް ލަނޑު ޖެހި އެވެ.
ލެހިއާގެ ލަނޑުތައް ކާމިޔާބުކުރީ އަލެކްސަންޑާ ޕްރިޖޮވިޗް ދެ ލަނޑާއި މިޝަލް ކުޒަޗިޗާއި ނެމިންޔާ ނިކޮލިޗް އެވެ.
ރޭގެ މެޗަށް ފަހު ޑޯޓްމަންޑްގެ ކޯޗު ތޯމަސް ޓުޗެލް އާއި އެ ޓީމުގެ ކީޕަރު ތޯމްސް ވައިންޑަފެލާ ވަނީ އެޓީމުގެ ޑިފެންޑަރުންނާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
"މިއީ ސަޕޯޓަރުން ބަލާލަން ވަރަށް ހިތްގައިމު މެޗެއް. އެއީ ވަރަށް ގިނަ ގޯލުތަކެއް ފެނިގެން ގޮސްފި. އެކަމަކު އަހަރެމެންނަށް އެބައޮތް ބޮޑު ކަންބޮޑުވުމެއް. އެއީ ހަތަރު ލަނޑު ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ކުރިއަށްދާން ބަލާއިރު ވިސްނަން ޖެހޭ ކަމެއް،" ޖާމަނީ ގައުމީ ޓީމަށް ވެސް ކުޅުނު ވައިންޑަފެލާ ބުންޏެވެ.