21 ޖޫން 2021 - 11:11

ބާސެލޯނާ (ޖޫން 21) - ކްލަބަށް ވަންނަ އާމްދަނީއަށް ވުރެ، އެފްސީ ބާސެލޯނާގެ ކުޅުންތެރިން މުސާރަތައް ބޮޑު ކަމަށް އެ ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
ބާސާގެ ރައީސްކަމަށް ދެ ވަނަ ފަހަރަށް އިންތިހާބުވި، ލަޕޯޓާއަށް ފަސޭހަ ކަމެއް ލައްވައެއް ނުލަ އެވެ. އޭނާ ހަވާލުވިއިރު ބާސާ އޮތީ ބަނގުރޫޓު ވުމާ ކައިރީގަ އެވެ. އޭނާ ބުނީ ކުރިން ހީކުރެވިފައި އޮތް މިންވަރަށްވުރެ ވެސް ބާސާގެ މާލީ ހާލަތު ގޯސް ކަމަށެވެ.
"ބައެއް ކޮންޓްރެކްޓްތައް އެބަހުރި އަހަރެމެންނަށް ލިމިޓް ވެފަ. އެ ކަންތައްތަކަކީ އަހަރެމެންނަށް އިތުރު ތަފްސީލު ބެނުންވާނެ ކަންކަން. އެ ކަމުގެ ތަފްސީލުތައް ހޯދުމަށް އަހަރެން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން،" ލަޕޯޓާ ވިދާޅުވި އެވެ. "ހުރިހާ އެއްޗެއް ތަފްސީލު ކޮށްދޭނަން. އެކަން ނުކުރާ ނަމަ އަހަރެމެން ވެސް ބައިވެރި ވަނީ އެހެން މީހުންގެ ކުށުގައި.'
ދުނިޔޭގެ އެންމެ ބޮޑު ވޭޖް ބިލެއް އޮތީ ބާސާގަ އެވެ، ކޮވިޑްގެ ހާލަތުގައި އެ ކްލަބު އިތުރު އަޑިގަނޑަކަށް ވެއްޓުނު އެއް ސަބަބަކީ އެއީއެވެ. ލަޕޯޓާ ބުނީ ކުޅުންތެރިންނަށް ކުރިން ދޭން ޖެހިފައި ހުރި މުސާރަތައްވެސް އަދިވެސް ކްލަބުގައި އެބަހުރި ކަމަށެވެ.
"އެކަންކަމަށް ހައްލުވެސް ހޯދަން ޖެހޭ. މިހާރު ހުރި ކޮންޓްރެކްޓްތަކުގެ މުސާރަ އެބަޖެހޭ އަލުން އެކުލަވައިލަން. ކްލަބު މިއަޑިގަނޑުން ސަލާމަތްކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން އަހަރެން ފަހެއް ނުޖެހޭނަން،" ލަޕޯޓާ ވިދާޅުވި އެވެ. "މުސާރަތަކުގެ ޖުމްލަ އަދަދަށް ބަލާއިރު 650 މިލިއަން ޔޫރޯ އެބަ ހޭދަވޭ. މިއީ ކްލަބުގެ އާމްދަނީއަށް ވުރެ ބޮޑު އަދަދެއް. އެ މުސާރަތައް ހުރީ ހުރީ އައުޓްޑޭޓް ވެފައި."
ބާސާގެ ކެޕްޓަން ލިއޮނެލް މެސީގެ ކޮންޓްރެކްޓް ހަމަވާން ބާކީ އޮތީ ނުވަ ދުވަހެވެ. އެހެންނަމަވެސް މެސީ އެހެން ޓީމަކަށް ނުދާނެ ކަމުގެ ޔަގީންކަން ލަޕޯޓާއަށް އެބައޮތެވެ. އޭނާ ވިދާޅުވީ ބާސާގައި ދެމިހުންނަން މެސީ ބޭނުންވާ ކަމަށެވެ.
ހިލޭ ޓްރާންސްފާގެ ދަށުން ބާސާއިން ވަނީ، މެންޗެސްޓާ ސިޓީ އާއި އޮލިމްޕިކް ލިޔޯންގެ ފޯވަޑުން ކަމަށްވާ ސާޖިއޯ ކުން އަގުއޭރޯ އާއި މެންފިސް ޑިޕާއީ ސޮއި ކުރުވައިފަ އެވެ.