21 ޖޫން 2021 - 11:32

މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވަން، މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ނިންމަވައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް ބޭފުޅަކު ހޮވުން އޮންނާނީ މިއަދު އެވެ. ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް، އެ ޕާޓީން ކުރިމަތިލައްވާނީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ނަރީޝް އެވެ.
ޕީޕީއެމްގެ ފަރާތުން ނަރީޝް ޑެޕިއުޓީ މޭޔަރު ކަމަށް ހޮވުމަށް ފާސްކޮށްފައި ވަނީ އެ ޕާޓީން އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.
ޒަމީރު "މިހާރު" އަށް ވިދާޅުވީ މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން އޭނާ ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ޕާޓީގެ މެދުގައި އެފަދަ ވާހަކައެއް ދެކެވިފައި ނުވާ ކަމަށާއި ޑެޕިއުޓީ މޭޔަރު ކަމަށް އިތުރު މެމްބަރަކު ކުރިމަތިލެއްވި ކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"ޕާޓީގެ މެމްބަރުންގެ މެދުގައި އެކަހަލަ ވާހަކައެއް ދެކެވިފައެއް ނުވޭ. [ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލުމަށް] ޕާޓީން ޕްރެޝަރު ކޮށްފައެއް ވެސް ނެތް،" ޒަމީރު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުން މިހާތަނަށް ފަސްކޮށްފައި ވަނީ ބައެއް މެމްބަރުން ކަރަންޓީން ވާން ޖެހުމާއި ރަށުން ބޭރުގައި ތިއްބެވުމުގެ ސަބަބުންނެވެ.
ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުން އިންތިހާބު ކުރަނީ ރައްޔިތުންގެ ވޯޓުންނެވެ. ނަމަވެސް ނައިބު ރައީސުންނާއި ޑެޕިއުޓީ މޭޔަރުން ހޮވަނީ ކައުންސިލްތަކުގެ މެދުގައި ބާއްވާ ބައްދަލުވުމުގަ އެވެ.
އެލްޖީއޭއިން ބުނީ ބައެއް ރަށްތައް މޮނިޓަރިންގެ ހާލަތުގައި އޮތުމުން އަތޮޅު ކައުންސިލްތަކަށް ނައިބުން ނުހޮވޭ ކަމަށެވެ. އެކަމަށް ޖަވާބު ދެމުން އަންނަކަމަށް އެ އޮތޯރިޓީން ބުންޏެވެ.