ޗައިނާގައި ބިލިއަނަކަށް ވުރެ ގިނަ ކޮވިޑް ވެކްސިން ޖަހައިފި
ޗައިނާގައި ބިލިއަނަކަށް ވުރެ ގިނަ ކޮވިޑް ވެކްސިން ޖަހައިފި

ޗައިނާގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ފަށާފައިވާ ވެކްސިން ޕްރޮގްރާމްގެ ދަށުން، އެ ގައުމުގައި ކޮވިޑް ވެކްސިންގެ އެއް ބިލިއަނަށް ވުރެ ގިނަ ކޮވިޑް ވެކްސިން ޑޯޒް ޖަހައިފި އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނި ގޮތުގައި، އިއްޔެގެ ނިޔަލަށް ޗައިނާގެ އެކި ކަންކޮޅުތަކުގައި، ކޮވިޑް ވެކްސިންގެ 1،010،489،000 ޑޯޒް ޖަހައިދީފި އެވެ. މިއީ މުޅި ދުނިޔޭގައި މިހާތަނަށް ޖަހާފައިވާ 2.5 ބިލިއަން ޑޯޒް ކޮވިޑް ވެކްސިންގެ ތެރެއިން ގާތްގަނޑަކަށް 40 ޕަސެންޓެވެ.

ޗައިނާގައި ކޮވިޑް ވެކްސިންގެ އެއް މިލިއަން ވަނަ ޑޯޒް ޖަހާފައިވަނީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ. އެ ގައުމުގައި 100 މިލިއަން ޑޯޒް ޖެހުމަށް ފަހު 200 މިލިއަން ވަނަ ޑޯޒް ޖެހުމަށް ނެގީ 25 ދުވަހެވެ. އަދި 200 މިލިއަނުން 300 މިލިއަން ޑޯޒް ޖެހުމަށް ނެގީ، އެންމެ 16 ދުވަހެވެ. އަދި 800 މިލިއަން ޑޯޒް ހަމަވުމަށް ފަހު، 900 މިލިއަން ޑޯޒް ހަމަކުރުމަށް ނެގީ، އެންމެ ހަ ދުވަސް ކަމަށް ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޒިންހުއާ އިން ބުނެ އެވެ.

ކޮވިޑް-19 އަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާ އިން ފެނުނު ބައްޔެކެވެ. އެއަށް ފަހު ވަބާއެއްގެ ގޮތުގައި މުޅި ދުނިޔެ އަށް މިހާރު ފެތުރިފައިވާ އިރު، ޗައިނާގައި މި ބަލި ފެތުރުން ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. އެހެން ނަމަވެސް، ޗައިނާގެ ބައެއް ސަރަހައްދުތަކުން މިހާރުވެސް ދޭތެރެ ދޭތެރެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުން ދަނީ ފެންނަމުންނެވެ.

އޭގެ ތެރެއިން ވެސް، އުތުރުގެ އަންހުއި ޕްރޮވިންސާއި ލިއައޮނިން ޕްރޮވިންސާއި ދެކުނުގެ ގުއަންގްޑޮން ޕްރޮވިންސްގައި މި ބައްޔަށް ބަޔަކު ޕޮޒިޓިވްވުމާ އެކު، އަނެއްކާވެސް ޗައިނާގައި ކޮވިޑް ފެތުރިދާނެ ކަމުގެ ބިރު ބޮޑުވި އެވެ. އެހެންކަމުން، އެ ސަރަހައްދުތަކުގެ މީހުންނަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް، ޗައިނާ ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޗައިނާގައި މިހާރު އާންމުކޮށް ދެމުން އަންނަނީ ސިނޮފާމް ވެކްސިނާއި ސިނޮވެކް ވެކްސިނެވެ. އުމުރުން 18 އަހަރުން މަތީގެ މީހުންނެކޭ އެއްފަދައިން 18 އަހަރުން ދަށުގެ ކުދިންނަށް ވެސް މި ދެ ވެކްސިން މިހާރު އަންނަނީ ދެމުންނެވެ.

ޒިންހުއާ ނިއުސް އޭޖެންސީން ބުނާ ގޮތުގައި ކޮވިޑާ ދެކޮޅަށް ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތަކީ، މިއަހަރު ނިމުމުގެ ކުރިން، ވެކްސިންގެ ޖެހުމުގެ ޝަރުތު ހަމަވާ އާބާދީގެ މަދުވެގެން 70 ޕަސެންޓް މީހުންނަށް ވެކްސިން ޖެހުމަށެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޗައިނާގެ މިހާރުގެ އާބާދީއަކީ 1.4 ބިލިއަން މީހުންނެވެ.