20 ޖޫން 2021 - 19:12

ބްރެޒިލްގައި ކޮވިޑް ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ފަސް ލައްކަ އިން މައްޗަށް ގޮސް، އެ ގައުމުގެ ކޮވިޑްގެ ހާލަތު އަނެއްކާ ވެސް ގޯސްވާން ފަށައިފި އެވެ.
ކޮވިޑް ބަލީގައި މިހާތަނަށް ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވީ ބްރެޒީލުންނެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ފަށާފައިވާ ވެކްސިން ޕްރޮގްރާމް ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިޔުމުގެ އިތުރުން، ކުރިއަށް އޮތީ އެގައުމުގެ ފިނި މޫސުމުގެ ދުވަސްތައް ކަމަށްވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ތަޖުރިބާކާރުން އަންދާޒާ ކުރެ އެވެ.
އެ ގައުމުގެ ވެކްސިން ޖަހާ އުމުރުގެ މީހުންގެ ތެރެއިން، މިހާތަނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ އެންމެ 15 ޕަސެންޓް މީހުންނެވެ. އެހެންކަމުން، ކޮވިޑުން ރައްކާތެރިވުމަށް މީގެ ކުރިން އެޅި ހަރުކަށި ފިޔަވަޅުތައް އަލުން އެޅުމަށް، ބްރެޒީލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ދެކޮޅު ހައްދަވާތީ، ގިނަ ސަރަހައްދުތަކަކަށް ކޮވިޑް ފެތުރުމުގެ ނުރައްކާ މިހާރު ވަރަށް ބޮޑެވެ.
ބްރެޒިލްގެ ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި، އާންމުން އެއްވެ އުޅޭ ތަންތަނުގައި ދޭދޭ މީހުންގެ ދެމެދު ގައިދުރުކަން ބެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނޫނެވެ. މީގެ އިތުރުން، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދުގެ ދަށުން އެހެން ގައުމުތަކުގައި އަޅަމުން އަންނަ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ބްރެޒިލްގެ ރައީސް ދެކޮޅު ހައްދަވަ އެވެ.
އެ ގައުމުގައި އެންމެ ހަލުވިކޮށް ކޮވިޑް ފެތުރެމުންދާ ސަރަހައްދުތައް ފުރަބަންދުކުރުމަށާއި، ވެކްސިން ޖެހުމުގެ މަސައްކަތް ހަލުވިކުރުމަށާއި އާންމުން އެއްވެ އުޅޭ ތަންތަނުގައި މާސްކް އަޅައިގެން އުޅޭ ގޮތަށް ހަމަޖެއްސުމަށް، އެގައުމުގެ ސިއްހީ ތަޖުރިބާރުން ވަނީ ލަފާ ދީފަ އެވެ. ނަމަވެސް ސަރުކާރުން އެކަމަށް އިޖާބައެއް ނުދެ އެވެ.
ބްރެޒީލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވިދާޅުވީ ކޮވިޑްގެ ސަބަބުން ގައުމަށް ލިބޭ ގެއްލުމަށް ވުރެ، ގައުމު ފުރަބަންދު ކުރުމުން ގައުމުގެ އިގްތިސާދަށް ލިބޭ ގެއްލުން މާ ބޮޑު ކަމަށެވެ. އަދި އެހެން ގައުމުތަކުން ވެކްސިން ގަތުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހާރު ކުރެވިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ސިޔާސީ ގޮތުން ނާޖާއިޒު ފައިދާތަކެއް ނެގުމަށްޓަކައި، ކޮވިޑް ވެކްސިނަށް އޯޑަރު ނުދީ ހިފަހައްޓަނީ ބްރެޒީލްގެ ރައީސް ޖައިރް ބޮލްސޮނާރޯ އެވެ.
ބްރެޒީލްގައި ކޮވިޑް ފެތުރުން، މިއަހަރުގެ ކުރީކޮޅު ކޮންމެވެސް ވަރަކަށް މަޑުޖެހިލުމަށް ފަހު، މިހާރު އަނެއްކާ ވެސް ކޮވިޑް ފެތުރުން ވަނީ ކޮންޓްރޯލުން ނެއްޓިފަ އެވެ. މިހާރު ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އިތުރުވަނީ، އެމޭޒަން ސަރަހައްދުގައި ފަހުން އުފެދުނު ކޮވިޑް-19 ވައިރަހުގެ އާ ބާވަތް "ގާމާ" ވައިރަސް ބްރެޒިލްގައި ވެސް ފެތުރެން ފެށުމާ އެކުގަ އެވެ.
ގާމާ ބާވަތުގެ ކޮވިޑް ވައިރަސް ފެތުރެން ފެށި ފަހުން، މިދިޔަ ހަފުތާގެ ތެރޭގައި ކޮންމެ ދުވަހަކު އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ، 70 ހާހަށް ވުރެ މަތިވެފަ އެވެ. އަދި ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު 1500 އަށް ވުރެ ގިނަވެފައިވާތާ ވެސް ހަފުތާއެއް ވެއްޖެ އެވެ. ގިނަ ސްޓޭޓްތަކުގެ ހޮސްޕިޓަލުތަކުގެ އައިސީޔޫގެ 80 ޕަސެންޓް މިހާރު ވަނީ ފުރިފަ އެވެ.
ދުނިޔޭގެ ދެކުނު ފަޅީގެ ގައުމުތަކުގެ ފިނި މޫސުން މިއަންނަ ހަފުތާގައި ފެށުމުން، ބްރެޒިލްގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވާނެ ކަމަށް، އެ ގައުމުގެ ސިއްހީ ތަޖުރިބާކާރުން ވިދާޅުވެ އެވެ. މިހާރުވެސް ގިނަ ސްޓޭޓްތަކުގައި، އެ ތަންތަނުގެ އާބާދީއަށް އެކަށީގެންވާ މިންވަރަށް ވެކްސިނެއް ނެތެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ބްރެޒިލް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ، އެގައުމުގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ، ބްރެޒީލްގެ ރައީސް ޖައިރް ބޮލްސޮނާރޯއާ ދެކޮޅަށް ވަނީ މުޒާހަރާ ކޮށްފަ އެވެ. އެމީހުން ސަރުކާރަށް ގޮވާލަމުން ދިޔައީ، ރައްޔިތުންނަށް އަވަހަށް ވެކްސިން ޖެހޭނެ ގޮތެއް ހަދައިދިނުމަށެވެ.