20 ޖޫން 2021 - 16:06

މަތީ ތައުލީމަށް ކިޔެވުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު އާންމުކޮށްފި އެވެ.
މިނިސްޓްރީން ބުނީ ލޯނަށް ހޮވިފައިވާ ދަރިވަރުންގެ "ލޯނު އެވޯޑްސް ނޮޓިފިކޭޝަން" ބުދަ ދުވަހު ދަރިވަރުންނަށް މެއިލް ކުރާނެ ކަމަށެވެ. އަދި އެ މެއިލްގައި ދަރިވަރުން ދެން އަމަލުކުރަންވީ ގޮތުގެ ތަފްސީލު އަންގައިދޭ ލިއުމެއް ހިމަނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މީގެ ކުރިން މި ލިސްޓު އިއުލާނު ކުރަން ނިންމާފައި އޮތީ މިމަހު 10ގަ އެވެ. ނަމަވެސް އެ ތާރީހު ފަސްކުރީ ކޮވިޑް 19ގެ ހާލަތު ގޯސްވެ، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން ހަމަޖެއްސުމާ ގުޅިގެން ދިމާވި ލަސްތަކާ ހެދި އެވެ.
މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުން، ލޯނު ލިބޭ ދަރިވަރުންގެ ތެރެއިން މިހާރު ކިޔެވުން ފަށާފައިވާ ދަރިވަރުންނަށް މި ހިނގާ ސެމިސްޓާގައި ލިބެން ޖެހޭ ފައިސާ، އެ ދަރިވަރުން އަމިއްލަ އަށް ހަރަދުކޮށްފައި ވިޔަސް، މިނިސްޓްރީން އެ ފައިސާ އަނބުރާ ދޭނެ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހު މިނިސްޓްރީން ލޯނުގެ 770 ޖާގައަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމުން މި ސްކީމަށް 1،176 ދަރިވަރަކު ކުރިމަތިލާފައިވެ އެވެ. އޭގެ ތެރެއިން ވަގުތީ ލިސްޓުގައި 417 ދަރިވަރަކު ހިމެނެ އެވެ.