ނަޝީދުގެ ތަހުގީގު އަވަސްކުރުން ވެސް، ލަސްކުރުން ވެސް ގޯސް: ޕީޖީ
ނަޝީދުގެ ތަހުގީގު އަވަސްކުރުން ވެސް، ލަސްކުރުން ވެސް ގޯސް: ޕީޖީ

ކުރީގެ ރައީސް މުހަންމަދު ނަޝީދަށް ދިން ކަހަލަ ހަމަލާތަކަކީ ވަރަށް އެހެން ކަހަލަ މައްސަލަތަކެއް ކަމަށާއި އެކަހަލަ މައްސަލަތަކުގެ ތަހުގީގު އަވަސް އަރުވާލުން ވެސް އަދި ލަސް ކުރުން ވެސް ގޯސް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

"އެއީ ވަރަށް އުނދަގޫ ބެލެންސެއް ގާއިމް ކުރަން ޖެހޭ ކަމެއް. އަަވަސް އަރުވާލައިފިއްޔާ ދިމާވާނެ މައްސަލައަކީ އަސްލު އެކަމުގެ ބައިވެރިވާ ބައެއް މީހުން އަތުނުވެ ދިޔުން. ލަސްކޮށްފިއްޔާ ހެކި ނައްތާލުމުގެ ފުރުސަތު އޮންނާނެ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވި އެވެ.

މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާ މެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އެ މައްސަލައިގެ ތަހުގީގު ހިނގާ ގޮތާ މެދު އަޅުގަނޑު ހިތްހަމަ ޖެހޭ. ތަހުގީގު ވަރަށް ބާރަށް ކުރިއަށް އެބަދޭ،" ޝަމީމް ވިދާޅުވި އެވެ.

"ކޮންމެ ހަފްތާއަކު އެއް ފަހަރު ނޫނީ ދެ ފަހަރު އަޅުގަނޑަށް ޕާސަނަލީ ފުލުހުން ބްރީފިންއެއް ވެސް އެބަ ދެއްވާ. އަޅުގަނޑަށް ހަމަ ރަނގަޅަށް އެ މައްސަލައިގެ ވާނުވާ، ކުރިއަށް ދާ ގޮތް ވެސް އެބަ އެނގޭ."

ބޮމުގެ ހަމަލާގެ މައްސަލައާ ގުޅިގެން ޕީޖީގެ އިރުޝާދުގެ އިތުރުން ރާއްޖެއިން ބޭރުގެ ބައެއް މީހުންގެ އިރުޝާދު ވެސް ފުލުހުން ހޯދަމުން އަންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި ތަހުގީގު ނިންމައި ފުލުހުން މައްސަލަ ޕީޖީ އަށް ހުށަހަޅުއްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ މައްސަލައިގައި ދައުވާ ކުރުމުގެ މުއްދަތު ހަމަވާނީ އޮގަސްޓު ފަސް ވަނަ ދުވަހު އެވެ. ޝަމީމް ވިދާޅުވީ، އޮގަސްޓު ފަސް ވަނަ ދުވަހުގެ ކުރިން މައްސަލައިގައި ދައުވާ ކޮށް ކޯޓަށް ހުށަހަޅުއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޝަމީމް މީގެ ކުރިން ވިދާޅުވެފައި ވަނީ، ބޮމުގެ ހަމަލާގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާނީ އޭނާ ކަމަށެވެ.

މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ހަމަލާ ދިނީ އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުމެވަޑައިގެން ކާރަށް އަރަން ވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާ ގުޅިގެން ލިބުނު ޒަހަމްތަކަށް އަދިވެސް އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ.

ހަމަލާއާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އެ އެންމެނަކީ ވެސް ހަރުކަށި ވިސްނުން ހުންނަ މީހުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ހަމަލާ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ، މުޖާޒު އަހުމަދު، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު އެވެ. ފަސް ވަނަ މީހާގެ ނަން ފުލުހުން ހާމަކޮށްފައި ނުވެ އެވެ.