ކޮވިޑާ ގުޅިގެން 36 ބިލިއަން ރުފިޔާގެ އާމްދަނީ ގެއްލޭނެ
ކޮވިޑާ ގުޅިގެން 36 ބިލިއަން ރުފިޔާގެ އާމްދަނީ ގެއްލޭނެ

ކޮވިޑާ ގުޅިގެން އަންނަ އަހަރުގެ ނިޔަލަށް ދައުލަތުގެ އާމްދަނީ އަށް 36 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކައުންސިލަރުން ދައުލަތުގެ މާލިއްޔަތުގެ ގަވައިދަށް އަހުލުވެރިކުރުމުގެ ގޮތުން ބޭއްވި ތަމްރީނު ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އާމްދަނީ ދަށްވުމުގެ ސަބަބުން ހަރަދުތައް ކުޑަކުރަން ޖެހޭކަން ފާހަގަކުރައްވައި، އަމީރު ވިދާޅުވީ އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވެސް ކޮވިޑާ ގުޅިގެން އިތުރުވި ދަރަނި ކުޑަ ކުރުމަށް ކަމަށެވެ. އަދި އެކަން ހާސިލު ވާނީ މާލީ ގޮތުން ތަނަވަސްކަން އިތުރުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލްތަކުގެ އަމާޒަކަށް ވާން ވާނީ ބްލޮކް ގްރާންޓް އަދި ކައުންސިލަށް ލިބޭ އާމްދަނީގެ ތެރޭގައި ހަރަދުތައް މެނޭޖްކުރުން. ޕްރިއަރަޓައިޒްކޮށް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކަންކަމަށް ހަރަދުކުރުން. މި ވަގުތަކީ އަޅުގަނޑުމެން ބޭނުންވިޔަސް, އަޅުގަނޑުމެން ބޭނުން ހުރިހާ ކަމެއް ކުރެވޭނެ ވަގުތެއް ނޫންކަން އެންމެން ވެސް ދަންނަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރަނގަޅު ގޮތުގައި ހަރަދުކުރުމަކީ ކޮންމެ ކައުންސިލަރެއްގެ އަދި ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށާއި މާލީ ހާމަކަން އިތުރުކުރުމާއި، ޒިންމާދާރު ގޮތުގައި ހަރަދުކުރުން ވަރަށް މުހިއްމު ކަމަށެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ދައުލަތަށް ލިބިފައި ވަނީ 14.5 ބިލިއަން ރުފިޔާ އެވެ. އެކަމަކު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 30 ބިލިއަން ރުފިޔާ އެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ 21 ބިލިއަން ރުފިޔާ، ކޮވިޑްގެ ސަބަބުން މި އަހަރު ނުލިބުމުގެ ބިރު އެބައޮތެވެ.

ކޮވިޑާ ގުޅިގެން މީގެ ކުރިން ވެސް ވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އިތުރުކޮށްފަ އެވެ. އަދި، މި ހާލަތުގައި ކައުންސިލަރުންގެ މުސާރަތައް ބޮޑުކުރުމާ އެކު އާންމުން ވަނީ ވަރަށް ބޮޑަށް ފާޑު ވެސް ކިޔައިފަ އެވެ. އެކަމަށް ރައްދު ދެއްވަމުން އަމީރު ވިދާޅުވީ، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރީ ރައްޔިތުންނަށް ކައުންސިލްތަކުން ދޭ ހިދުމަތްތައް ރަނގަޅުވާނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

މާލީ ދާއިރާގައި ކައުންސިލްތަކަށް ދިމާވެފައިވާ ބައެއް ދަތިތަކާއި އެކަމުގެ ހައްލުތަކާ ބެހޭ ގޮތުން ވެސް މިނިސްޓަރު މިއަދު ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ބަނޑޭރިޕޭ މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ ބޭންކު އެކައުންޓުތަކަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހިދުމަތް ހޯދޭނެ ގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.