20 ޖޫން 2021 - 14:00

މާދަމާ ބާއްވާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމުން ވާދަކުރައްވާނީ އަހުމަދު ނަރީޝް ކަމަށް ދެންމެ ފާސްކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ ދައުރުގައި އެ ކައުންސިލްގެ މެޖޯރިޓީ އޮންނަ ޕީޕީއެމްގެ ފަރާތުން ޑެޕިއުޓީ މޭޔަރު ކަމަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކުރެއްވީ، ނަރީޝްގެ އިތުރުން ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް ނަރީޝް ވާދަކުރައްވާ ގޮތަށް ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން ފަސް ބޭފުޅެއްގެ ވޯޓުންނެވެ. ނަހުލާ އާއި ޝުޖާއު އަށް ލިބުނީ ހަތަރު ވޯޓެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީން ސިޓީ ކައުންސިލްގައި ތިއްބަވާ 13 މެމްބަރުންނެވެ. ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މުއިއްޒެވެ.
ޕީޕީއެމުން ބުނީ މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުމުގައި އަމަލު ކުރާނީ އިންތިހާބީ ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގައި ވެސް އަމަލު ކުރި އުސޫލުތަކަށް ކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން އޮތް ގޮތުން މިދިޔަ މޭ މަހުގެ 17 ގައި އިންތިހާބީ ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. އެހެންކަމުން އެ ދުވަހު ބައެއް ކައުންސިލްތަކުން ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން ނުހޮވަ އެވެ. އެހެންވެ ކައުންސިލްތަކުގެ ބެލެނިވެރި އިދާރާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ މިއަދުގެ ކުރިން ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން ހޮވަން އެ ކައުންސިލްތަކަށް އަންގައިފަ އެވެ.
އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް "މިހާރު" އަށް ވިދާޅުވެފައި ވަނީ މާލޭގެ ބައެއް ކައުންސިލަރުން ކަރަންޓީނުގައި ތިއްބަވަން ޖެހިފައިވުން ފަދަ ކަންކަމާ ހެދި މިއަދުގެ ކުރިން ފިޒިކަލް ކޮށް ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ދަތިވާނެތީ ކައުންސިލްގެ އެދުމާއި އެއްގޮތަށް މާދަމާގެ ނިޔަލަށް ޑެޕިއުޓީ މޭޔަރު ހޮވުން ފަސްކުރުމަށް ހުއްދަދީފައި ވާނެ ކަމަށެވެ.
ކައުންސިލްތަކަށް ރައީސުންނާއި މޭޔަރުން އިންތިހާބުކުރަނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ވިޔަސް ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.