05 ޖޫން 2016 - 06:10

ޒަމާނީ އަދި ލަތީފީ ކުލަތަކަށް މަޝްހޫރު އެއްސީ ނެއިލް ޕޮލިޝްގެ އެންމެ ފަހުގެ ކަލެކްޝަންގައި ބްރައިޑުންނަށް ހާއްސަ ކުލަތަކެއް ތައާރަފުކޮށްފި އެވެ.
ކައިވެނީގެ ހަފުލާއަކަށް ތައްޔާރުވާއިރު ހެދުމުގެ ކުލަ، ބޭނުންކުރާ ލޭސް، އިސްތަށިގަނޑުގެ ސްޓައިލް، ގަހަނާ ނުވަތަ ނިޔަފަތީގައި ޖައްސާ ކުލަ ފަދަ ކުދިކުދި ކަންތައްތަކަށް ކޮންމެ ބްރައިޑެއް ވެސް އިސްކަންދެ އެވެ. އެހެންވެ އެއްސީގެ އާ ކަލެކްޝަންގައި ކޮންމެ "ސްޓައިލިޝް" ބްރައިޑަކަށް ކަމުދާނެ ކަހަލަ އެކި ވައްތަރުގެ ހިތްގައިމު ކުލަތައް ހިމެނެ އެވެ.
މިސިޒް އޯލްވޭޒް ރައިޓް، ޕާސްޕޯޓް ޓު ހެޕިނަސް، ގްރޫމް ސާވިސް ފަދަ ކައިވެނީގެ ހަފުލާއާ ގުޅޭ ނަންތަކެއް ދީފައިވާ ތަފާތު ހަ ކުލައެއް މިކަލެކްޝަންގައި ހިމެނެ އެވެ. މަޑު ފިޔާތޮށި، ދަނބު، ފެހި ނުވަތަ ޕީޗް ފަދަ ކުލަތަކަކީ ކައިވެނި ހަފުލާއަށް ނިޔަފަތީގައި ޖައްސާލަން ތަފާތުވެފައި އަންހެންވަންތަ ކުލަތަކެކެވެ.
ކައިވެނި ހަފުލާގެ ކުލަ ތީމާ ގުޅުވާލަން ބޭނުން ނަމަ ނިޔަފަތީގައި އެއްސީގެ "މިސިޒް އޯލްވޭޒް ރައިޓް" އަދި މިކުލައާ ގުޅޭ ކުލައަކުން ބޫޓު ގުޅުވާލުމުން ވަރަށް ޗާލު ވާނެ އެވެ.