20 ޖޫން 2021 - 10:38

ޔަމަންގެ ސަރުކާރާ ދެކޮޅަށް ވަކި ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަ ކުރަމުން އަންނަ ހޫތީ ހަނގުރާމަވެރިން، ސައޫދީ އަރަބިއްޔާގެ ތެރެއަށް ފޮނުވައިލި 11 ޑްރޯނަކަށް، ސައޫދީ ސިފައިން ހަމަލާ ދީ އިއްޔެ ވައްޓާލައިފި އެވެ.
ސައޫދީ އަރަބިއްޔާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ހޫތީންގެ ޑްރޯން ހަމަލާތައް އަމާޒުކުރީ، ސައޫދީ އަރަބިއްޔާގެ ދެކުނުން ޔަމަނާ އިންވެގެން އޮންނަ ހާމިސް މުޝައިތު އަށެވެ. އިއްޔެގެ ހަމަލާތައް އެންމެ ފުރަތަމަ ދިނީ ހެނދުނު ހަތެއް ވެސް ޖެހުމުގެ ކުރިންނެވެ. އޭގެ ފަހުން އިއްޔެ މެންދުރު ފަހު އިތުރު ޑްރޯންތައް ފޮނުވައިގެން ހަމަލާ ދޭން މަސައްކަތް ކުރި އެވެ.
ސައޫދީ އަސްކަރިއްޔާ އިން ބުނި ގޮތުގައި، ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުން ސައޫދީ އަރަބިއްޔާގެ އިމުގެ ތެރެއަށް ފޮނުވާ ޑްރޯންތައް ހުންނަނީ ގޮވާތަކެތި ހަރުކޮށްފަ އެވެ. އެ ޑްރޯންތައް ސައޫދީގެ ތެރެއިން ހޫތީން ކަނޑައަޅާ ތަންތަނަށް އަމާޒުކޮށް ވައްޓައިލަނީ އެވެ. އެފަދަ ހަމަލާތައް ގިނައިން އަމާޒު ކުރަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ.
އެމެރިކާ، އދ. އަދި ސައޫދީ އަރަބިއްޔާ އިން ވެސް މިހާރު ވަނީ، ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ހޫތީންނަށް ގޮވާލައިފަ އެވެ. ނަމަވެސް، ސުލްހައިގެ ވާހަކަތަކަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓައި، ހޫތީން މަސައްކަތް ކުރަނީ، އިތުރަށް ހަނގުރާމައިގެ ހުޅުގަނޑު ބޮޑުކުރަން ކަމަށް، ސައޫދީ އަރަބިއްޔާ އިސްވެ އުފައްދާފައިވާ އަސްކަރީ ގުޅުމުގެ ފަރާތުން ތުހުމަތު ކުރެ އެވެ.
ޔަމަންގެ ސަރުކާރާ ދެކޮޅަށް ހޫތީން ހަނގުރާމަ ފެށީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެވެ. ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރާ ދެކޮޅަށް ހޫތީން ހަނގުރާމަ ކުރަނީ، އީރާންގެ އަސްކަރީ މަދަދު ލިބިގެންނެވެ.
ހޫތީ ހަނގުރާމަވެރިން 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ވެރިރަށް ސަންއާ އަށް ވަދެގަނެ އެ ސިޓީ އެމީހުންގެ ބާރުގެ ދަށަށް ގެނައީ، ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހަށް ވާގިވެރިވާ ހަނގުރާމަވެރިންގެ މަދަދާ އެކުގަ އެވެ. އަދި ސަރުކާރުގެ ގިނަ އިދާރާތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް، ސަރުކާރު ބަދަލުކޮށްފައިވާ ކަމަށް އިއުލާން ކުރި އެވެ.
ޖެހިގެން އައި 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި، އިތުރު ސަރަހައްދުތަކަށް ހޫތީންގެ ބާރު ފެތުރުމާ އެކު، ރައީސް އަބްދު ރައްބު މަންސޫރު ހާދީ، ގައުމު ދޫކުރައްވައި ސައޫދީ އަރަބިއްޔާއަށް ވަޑައިގަތެވެ.
ސައޫދީ އަރަބިއްޔާ އިސްވެ އޮވެ، ހޫތީންނާ ދެކޮޅަށް އަސްކަރީ ގުޅުމެއް އުފައްދައި، ހޫތީންނާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރީ، 26 މާޗް 2015ގަ އެވެ. މި އަސްކަރީ ގުޅުމުގައި ހިމެނެނީ، ސައޫދީ އަރަބިއްޔާ، އެމިރޭޓްސް، ސޫދާން، ބަހްރައިން، ކުވައިތު، ގަތަރު، މިސްރު، ޖޯޑްން، މޮރޮކޯ، ސެނަގާލް އެވެ. މީގެ އިތުރުން، އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ ފަންނީ އެހީތެރިކަން މި ގުޅުމަށް ފޯރުކޮށްދެ އެވެ.