20 ޖޫން 2021 - 10:33

ދުޝްމަނުންގެ މިސައިލާއި ރޮކެޓް ހަމަލާތަކުން ދިފާއުވުމަށް، އިޒްރޭލުގައި ބޭނުންކުރަމުން އަންނަ މިސައިލް ނިޒާމު (އެކަތައިގެ ގުއްބު)ގައި ހުރި އުނިކަންތައް ފޫބައްދައިދީ، އިތުރަށް ފުރިހަމަ ކުރުމުގައި އެހީތެރިވެދިނުމަށް، އިޒްރޭލުން އެދިފައިވާ ފަދައިން އެކަން ކޮށްދިނުމަށް، އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.
އެކަތައިގެ ގުއްބު ޒަމާނީކޮށް ފައްކާ ކުރުމަށްޓަކައި، އިޒްރޭލުން އެމެރިކާ ސަރުކާރުގައި އެދިފައިވަނީ، އެއް ބިލިއަން ޑޮލަރު ދިނުމަށެވެ. އިޒްރޭލުން އެދުނު މިންވަރަށް އެހީވުމަށް ރައީސް ބައިޑެންގެ ސަރުކާރުން ނިންމިކަން އިއުލާން ކުރެއްވީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކޮންގްރެސްގެ ބައްދަލުވުމުގައި، ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އެވެ.
މިދިޔަ މެއި މަހުގެ 10-21 އަށް އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން އިޒްރޭލަށް ދިން ރޮކެޓް ހަމަލާތަކުން، އިޒްރޭލު ރައްޔިތުން ދިފާއުކޮށްދިނީ އެކަތައިގެ ގުއްބެވެ. ފަލަސްތީނުގެ ހަނގުރާމަވެރިން އިޒްރޭލުގެ ތެރެއަށް ފޮނުވައިލި 4300 އަށް ވުރެ ގިނަ ރޮކެޓްގެ 90 ޕަސެންޓް އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރޭގައި ގޮއްވައިލީ، އެކަތައިގެ ގުއްބުން ފޮނުވައިލި މިސައިލްތަކުންނެވެ.
މެދުއިރުމަތީގައި އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ނަމުގައި، އިޒްރޭލުން އެދިފައިވާ އެއް ބިލިއަން ޑޮލަރު ކަނޑައަޅާފައިވަނީ، 2022 ވަނަ އަހަރުގެ ބަޖެޓްގައި ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ކޮންގްރެސްގައި ވިދާޅުވި އެވެ. އަދި ކޮންގްރެސް އިން ބަޖެޓް ފާސްކުރިހާ އަވަހަކަށް، އެ ފައިސާ އިޒްރޭލަށް ދޫކުރަން ގަސްދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ފައިސާ އިޒްރޭލަށް ދޭން ނިންމިކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާން ކުރެއްވީ، މިދިޔަ މެއި މަހުގެ ތެރޭގައި އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތައް ހުއްޓައިލިކަން އިއުލާން ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުންނެވެ.
އެކަތައިގެ ގުއްބު ފައްކާ ކުރުމަށްޓަކައި އިތުރު ފައިސާ ބޭނުންވާ ކަން، އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް އެންމެ ފުރަތަމަ ދެންނެވީ، އިޒްރޭލުގެ ހަމަލާތައް ކުރިއަށް ދިޔަ އިރު، އޭރުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އެވެ. އޭނާ އެކަމަށް އެދިވަޑައިގަތުމުން، އެމިންވަރަށް އެހީ ދެއްވުމަށް ބައިޑެން ވައުދުވެވަޑައިގެންނެވި އެވެ.
ނަތަންޔާހޫ އަށް ފަހު، ހަރުކަށި ޔަހޫދީ ހިޔާލާތުގެ ނަފްތާލީ ބެނެޓް އިޒްރޭލުގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތީ، މިމަހުގެ 13 ވަނަ ދުވަހު އެވެ. އޭނާ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ދެ ވަނަ އަށް ވީ ދުވަހު، އިޒްރޭލު ސިފައިން ވަނީ ވައިގެ މަގުން ގާޒާ އަށް ހަމަލާތަކެއް ދީ، ބައެއް އިމާރާތްތައް ބިމާ ހަމަކޮށްލައިފަ އެވެ.
އިޒްރޭލާއި ހަމާސް ޖަމާއަތުން ވެސް ބުނި ގޮތުގައި، އިޒްރޭލުގެ ހަމަލާތައް އަމާޒުވީ، ހަމާސް ޖަމާއަތުގެ މަރުކަޒުތަކަކަށެވެ. ނަމަވެސް މީހަކަށް ގެއްލުންވި ކަމަކަށް ފަލަސްތީނު ސަރުކާރުން ވެސް އަދި ހަމާސް ޖަމާއަތުން ވެސް ނުބުނެ އެވެ.