21 ޖޫން 2021 - 07:20

ސޮނީ ޓީވީން މިހާރު ގެނެސްދޭ އިންޑިއަން އައިޑޮލް ސީޒަން 12 ގެ ޖަޖުންގެ ތެރޭގައި ހިމެނޭ މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝިމިއާގެ އަލްބަމަކުން އެ ޝޯގައި ވާދަކުރާ ދެ ބައިވެރިންގެ ތެރެއިން އަރޫނިތާ ކަންޖީލާލާއި ޕަވަންދީޕް ރަޖަން އަށް ފުރުސަތު ދީފައިވާކަން އިއުލާންކޮށްފި އެވެ.
މި ވާހަކަ އިންސްޓަގްރާމްގައި ހާމަކޮށް ހިމޭޝް ބުނީ މިއަދު ފާހަގަކުރާ ވޯލްޑް މިއުޒިކް ޑޭއާ ގުޅުވައިގެން އެ ދެ ފަންނާނުން ކިޔާފައިވާ ލަވަ ނެރޭނެ ތާރީހު އިއުލާންކުރާނެ ކަމަށެވެ. އެ ލަވަ ހިމެނޭ އަލްބަމްގެ ނަމަކީ "މޫޑްސް ވިތު މެލޮޑީސް" ކަމަށް ވެސް ހިމޭޝް ބުންޏެވެ.
އޭނާ ބުނީ އަރޫނިތާ ޕަވަންދީޕް ކިޔާފައިވާ ލަވައިގެ މިއުޒިކް ހަދާފައި ވަނީ އޭނާ ކަމަށާއި އެ ލަވައިގެ ޅެން ލިޔުނީ ސަމީރު އަންޖާން ކަމަށެވެ. ސަމީރަކީ ހިމޭޝް މިހާތަނަށް ނެރުނު ގިނަ ލަވަތަކުގެ ޅެންވެރިޔާ އެވެ.
"އަހަންނަށް ވަރަށް ޔަގީން އެ ދެ ފަންނާނުން ކިޔާފައިވާ ރޮމޭންޓިކް ޓްރެކް އެހުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް." ހިމޭޝް ބުންޏެވެ.
"މޫޑްސް ވިތު މެލޮޑީސް" އަލްބަމެއް ނެރޭކަން ހިމޭޝް އިއުލާންކޮށްފައި ވަނީ އޭނާގެ ތިން ވަނަ ސްޓޫޑިއޯ އަލްބަމް "ސުރޫރް 2021" ވެސް ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެ އަލްބަމް ޕްރޮމޯޓްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، އޭގެ ފުރަތަމަ ލަވަ އަދި ޓައިޓްލް ޓްރެކް ވީޑިއޯއާ އެކު މިދިޔަ ހަފުތާގައި ނެރެފައިވެ އެވެ. އަދި ދެވަނަ ލަވައިގެ ޓީޒާއެއް އަންނަ މަހުގެ 2 ގައި ނެރޭނެ ކަމަށް ހިމޭޝް ބުންޏެވެ.
އޭނާ އަކީ މީގެ ކުރިން ވެސް އެތައް ފަންނާނުންނެއް މިއުޒިކް ދާއިރާ އަށް ނެރެފައިވާ މީހެކެވެ. އެގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު ރިލީޒްކުރި ހިމޭޝްގެ އެންމެ ފަހުގެ ފިލްމު "ހެޕީ ހާޑީ އެންޑް ހީރު" ގެ ލަވަތަކެއް ދުވަސްވީ އަންހެނެއް ކަމަށްވާ ރާނޫ މޮންޑާލް ލައްވައި ކިޔުއްވާފައިވެ އެވެ. އޭނާ އަކީ ރޭލު ސްޓޭޝަނެއްގައި ލަވަ ކިޔައިގެން ސަލާމް ޖަހަމުން ދިޔަ މީހެކެވެ. ހިމޭޝް ރާނޫ އަށް 2019 ގައި ފަހިކޮށްދިން ފުރުސަތާ އެކު އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުވި އެވެ.
ހިމޭޝްގެ އަލްބަމް "މޫޑްސް ވިތު މެލޮޑީސް" އިން އިންޑިއަން އައިޑޮލް 12 ގެ އަރުނިތާ އާއި ޕަވަންދީޕަށް ފުރުސަތު ލިބުނު އިރު، މި ދެ ލަވަކިޔުންތެރިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އަސަރު ގަދަ މަޑުމައިތިރި ސްޓައިލްގެ ލަވަތައް ކިޔަން ވަރަށް ހުނަރުވެރި ފަންނާނުންގެ ގޮތުގަ އެވެ.
ވޮލިއުމްތަކަކަށް ގެނެސްދޭ "މޫޑްސް ވިތު މެލޮޑީސް" ގެނެސްދޭނީ އެކިއެކި ފަންނާނުންގެ ލަވަތަކާ އެކީގަ އެވެ. އެހެންވެ އައިޑޮލްގެ އިތުރު ބައިވެރިންތަކެއްގެ އަޑު ވެސް އެ އަލްބަމުން އިވުން އެކަށީގެންވެ އެވެ.