20 ޖޫން 2021 - 10:24

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގިނީގައި ފެތުރެން ފެށި އެބޯލާ ރޯގާ، އެ ގައުމުގެ 16 މީހަކަށް ޖެހި އޭގެ ތެރެއިން 12 މީހުން މަރުވެފައިވަނިކޮށް، އެ ރޯގާ ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއްޔެ ބުނެފި އެވެ.
ގިނީގައި އެބޯލާ ފެތުރެން ފެށީ، އިރުދެކުނު ސަރަހައްދެއްގެ ކަމަށްވާ ޒެރެކޯރްގަ އެވެ. އެ ގައުމުގެ ސިއްހަތާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި އެބޯލާ ފެތުރެން ފެށިތާ ކުރީކޮޅު އެބައްޔާ ދެކޮޅަށް ފިޔަވަޅުތައް އަޅައި، ކުރު މުއްދަތެއްގެ ތެރޭގައި ބަލި ކޮންޓްރޯލް ކުރެވުނީ، އެންމެ ފަހުން ކޮންގޯގަ އާއި ގިނީގައި އެބޯލާ ފެތުރުނު ދުވަސްވަރު ކުރެވުނު ތަޖުރިބާގެ އަލީގައި ފިޔަވަޅުތައް އަޅަން ސަމާލުކަން ދެވުމުންނެވެ.
އެފްރިކާ ބައްރުގައި އެންމެ ފަހުން އެބޯލާ ރޯގާ ފެތުރުނީ 2014 އިން 2016 އަށެވެ. އެފަހަރު ރޯގާ ހަތަރު ގައުމަކަށް ފެތުރިގެން ގޮސް، 11300 މީހަކު މަރުވި އެވެ. ގިނަ މީހުން މަރުވެފައިވަނީ، ގިނީގެ އިތުރުން ސިއެރަ ލިއޯން އާއި ލައިބީރިއާ އިންނެވެ.
މިފަހަރު ގިނީގައި ފެތުރެން ފެށި އެބޯލާ ރޯގާ، ސަރަހައްދީ އިން ހުރަސްކޮށް އަވައްޓެރި ގައުމުތަކަށް ނުފެތުރުނީ، 2014-2016ގެ ތަޖުރިބާގެ އަލީގައި، ގިނީ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމުން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެ އެވެ. މިފަހަރު އެބޯލާ ފެތުރެން ފެށުމާއެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި، ގިނީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ، ރޯގާ ފެތުރެމުން ދިޔަ ސަރަހައްދުގެ ވީހާ ގިނަ ބަޔަކަށް ވެކްސިން ދިނުމަށެވެ.
އެބޯލާ ރޯގާ ޖެހުމުން ވަރަށް ގަދަ އަށް ހުން އައިސް، ބަލީގައި އެންމެ ހާލު ބޮޑުވާއިރު، ހަށިގަނޑުން ލޭ ފޭބުމުގެ މައްސަލަ ކުރިމަތިވެ އެވެ. އެބޯލާ އެންމެ ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ނަގުލުވަނީ، ބަލި ޖެހިފައިވާ މީހާގެ ލޭގެ ޒަރީއާއިންނާއި، ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތި އަދި ކުޅާއި ޖިންސީ ދިޔައިގެ ޒަރީއާއިންނެވެ.
އެބޯލާ ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑު މީހުންނަކީ، އެބަލި ޖެހިފައިވާ މީހުންނާ އެކުގައި ދިރިއުޅޭ މީހުންނަށާއި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި އުޅޭ ސިއްހީ ހިދުމަތްތެރިންނެވެ. (އަލްޖަޒީރާ)