ކޮވިޑް-19: 25 ދުވަހުން ހޮސްޕިޓަލް ކޭސްތައް 83 ޕަސެންޓް ދަށަށް
ކޮވިޑް-19: 25 ދުވަހުން ހޮސްޕިޓަލް ކޭސްތައް 83 ޕަސެންޓް ދަށަށް

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ރެކޯޑް މިންވަރަކަށް މައްޗަށް ދިއުމާ އެކު ފިޔަވަޅުތައް ހަރުކަށިކުރިތާ 25 ދުވަސް ވެފައި ވާއިރު ބައްޔަށް ޕޮޒިޓިވްވާ ރޭޓް ދަށްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް 83.9 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

މާލެ ސަރަހައްދުގެ ހަތަރު ވަނަ ލޮކްޑައުން މީގެ 25 ދުވަސް ކުރިން ފެށިއިރު، ކޮވިޑް ޖެހިގެން 285 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިއްބެވެ. އެކަމަކު އިއްޔެ މި އަދަދު ވަނީ 46 އަށް ވެއްޓިފަ އެވެ.

މި ދަށްވުމަށް ބަލާއިރު މިއީ އެވްރެޖް ގޮތެއްގައި ދުވާލަކު 10 ވަރަކަށް ކޭސްގެ ދަށްވުމެކެވެ.

މިދިޔަ 25 ދުވަސް ތެރޭ ހޮސްޕިޓަލް ކޭސްތަކުން 239 ގެ ދަށްވުމެއް އައިސްފައި ވާއިރު ބަލިން ރަނގަޅުވި މީހުންގެ އިތުރުން މަރުވި މީހުން ވެސް ހިމެނެ އެވެ. މިހާތަނަށް ކޮވިޑްގައި 206 މީހަކު މަރުވެފައި ވާއިރު ގިނައީ އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް މަރުވި މީހުންނެވެ.

ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވި ދުވަސްވަރު ކޭސްތައް މާ ބޮޑަށް އިތުރުވެ، ހޮސްޕިޓަލުގެ އެނދުތައް ފުރުމުން މީހުން އެޑްމިޓް ނުކުރެވޭ ހިސާބަށް ވެސް ދިޔަ އެވެ. ބައެއް ދުވަސްތަކުގައި 2،000 އިން މަތީގައި ވެސް ކޮވިޑް ކޭސްތައް ރެކޯޑް ކުރެވިފައިވެ އެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު ކޭސްތައް ބޮޑަށް ދަށަށް ދާން ފެށީ މިދިޔަ ހަފުތާގަ އެވެ. މިހާރު އެވްރެޖްކޮށް ދުވާލެއްގެ ކޭސްތައް އުޅެނީ 200 ގަ އެވެ. ކޭސްތައް ދަށް ވާތީ މިހާރު ވަނީ ކާފިއު ވަގުތަށް ކުޑަ ލުޔެއް ދީފަ އެވެ.