އީރާންގެ އާ ރައީސަށް ބޮޑެތި ތުހުމަތުތަކެއް
އީރާންގެ އާ ރައީސަށް ބޮޑެތި ތުހުމަތުތަކެއް

އީރާންގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވެފައިވާ އިބްރާހީމް ރައީސީ އަކީ، އިންސާނިއްޔަތާ ހިލާފު ގިނަ ޖަރީމާތަކެއް ހިންގާފައިވާ ބޭފުޅެއް ކަމަށް ބުނެ، އެ މައްސަލަ ފުރިހަމަ އަށް ތަހުގީގު ކުރުމަށް، އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި އެވެ.

އެމްނެސްޓީގެ ސެކްރެޓަރީ ޖެނެރަލް އަގްނީޒް ކަލަމާޑް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސީ ހިންގަވާފައިވާ އިންސާނިއްޔަތާ ހިލާފު އަމަލުތައް ތަހުގީގު ކުރުމެއް ނެތި، އީރާންގެ ވެރިކަމަށް ރައީސީ އަށް އާދެވޭ ގޮތްވުމުން އެނގެނީ، ބޮޑެތި ޖަރީމާތައް ހިންގުމަށް ފަހު، އަދުލު އިންސާފުން އެއްކިބާވެގެން އުޅުމުގެ ސަގާފަތް އަދިވެސް އީރާނުގައި ފެތުރިފައި އޮތް ކަމެވެ. ރައީސީގެ މައްޗަށް އެމްނެސްޓީން ތުހުމަތުކުރާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ތެރޭގައި މީހުން މެރުމާއި، މީހުން ވަގަށް ނެގުމުގެ އިތުރުން، މީހުން ހައްޔަރުކޮށް ބޮޑެތި އަނިޔާ ކުރުން ހިމެނެ އެވެ.

އިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގުމުގެ ތުހުމަތު، ރައީސީގެ މައްޗަށް ކުރެވެނީ، 1988 ވަނަ އަހަރު، އީރާނު ސަރުކާރާ ދެކޮޅަށް ހިނގައިދިޔަ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ތެރޭގައި، މަރުގެ ހުކުމް އިއްވި މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް އެކުލަވައިލި މަރު ކޮމިޓީގައި، އީރާންގެ އޭރުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ ހައިސިއްޔަތުން، ރައީސީ ހިމެނިވަޑައިގެންފައިވާތީ އެވެ. އެ ތުހުމަތުތަކުގެ ދިފާއުގައި އިބްރާހީމް ރައީސީ ވިދާޅުވެފައިވަނީ، 1988 ގައި އިއްވި މަރުގެ ހުކުމްތައް ތަންފީޒުކޮށްފައިވަނީ، އޭރުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚުމައިނީގެ ފަތުވާއެއްގެ މައްޗަށް ކަމަށެވެ.

އިންސާނީ ހައްގުތަކުގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި، 1988 ވަނަ އަހަރުގެ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން ހައްޔަރު ކުރި އެތައް ހާސް ބަޔަކު ވަނީ، ޝަރީއަތެއް ވެސް ނުކޮށް، ޖަލުތަކުގައި ސިއްރުން މަރައިފަ އެވެ. އޭގެ އިތުރުން، އީރާންގެ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ރައީސީ ވަނީ، އިދިކޮޅު ސިޔާސީ ހަރަކާތްތެރިން ހިފައި ހައްޔަރުކޮށް ހުކުމް އިއްވުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައި ކަމަށް ތުހުމަތު ކުރެވެ އެވެ.

އީރާންގެ ދާހިލީ ވުޒާރާ އިން އިއްޔެ އިއުލާން ކުރި ގޮތުގައި، ހުކުރު ދުވަހު ބޭއްވި ރިއާސީ އިންތިހާބުގައި، ރައީސީ ކާމިޔާބު ކުރެއްވީ ޖުމްލަ ވޯޓުގެ 61.95 ޕަސެންޓް ހޯއްދަވައިގެންނެވެ. ނަމަވެސް މިފަހަރުގެ ރިއާސީ އިންތިހާބަކީ 1979ގެ އިސްލާމީ އިންގިލާބަށް ފަހު، އެންމެ މަދު މީހުން ވޯޓު ލާން ނުކުތް އިންތިހާބެވެ. އީރާން ސަރުކާރުން ބުނާ ގޮތުގައި، ހުކުރު ދުވަހުގެ ވޯޓުލުމުގައި ބައިވެރިވީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 48.8 ޕަސެންޓް މީހުންނެވެ.

މިހާރުގެ ރައީސް ހަސަން ރޫހާނީގެ ދައުރު ނިމޭނީ އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހު އެވެ. އެ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތުމުން، އިބްރާހީމް ރައީސީ ވެވަޑައިގަންނަވާނީ، އެގައުމުގެ އަށް ވަނަ ރައީސަށެވެ. ރައީސީ، އީރާންގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވީ، 2019 ވަނަ އަހަރުގެ މާޗް 7 ވަނަ ދުވަހު އެވެ.