20 ޖޫން 2021 - 10:10

ބުދަ ދުވަހާ ގުޅޭ
"މި ގޭގަ އެހެން މައްސަލައެއް އުޅެނީތަ؟" ޖީޒާ ސުވާލުކުރިއެވެ.
ޖީޒާ ފޮނުވައިލީ ކޮޅު ތޫނު ސުވާލެކެވެ. ހެރުނީ ރާމިޒާގެ ހިތަށެވެ. ރާމިޒާއަށް ހީވި ކަހަލައެވެ. ޖީޒާއަށް ވެސް ހަގީގަތް އެނގުނީއެވެ. ބުޅާ ގޯނިން ބޭރުވީއެވެ. އެހެން ދިމާއަކުން ޖީޒާއަށް ހަގީގަތް އެނގުމަށް ވުރެ، ރާމިޒާ އެ ވާހަކަ ކިޔައިދިނިއްޔާ މާ ރަނގަޅުވާނެއެވެ. ފަހުން ކިޔައިދޭން ޖެހިއްޖެއްޔާ ދައްކަން ޖެހޭ ވާހަކަ މާ ގިނަވާނެއެވެ. އާއިލާގެ ބޮޑު ސިއްރު ކިޔައިދޭން ރާމިޒާ އަނގަ ހުޅުވައިލިއެވެ.
"މީހަކު ސިހުރުހަދަނީތަ؟" ޖީޒާ އެހިއެވެ.
އެ ސުވާލުނުކޮށް ޖީޒާ ކުޑަ އިރުކޮޅަކު މަޑުކޮށްލި ނަމަ، އެ ދުވަހު ޖީޒާއަށް ހަގީގަތް އެނގުނީހެވެ. އެހެނަސް، ޖީޒާގެ ސުވާލުގެ ސަބަބުން ރާމިޒާގެ ހިޔާލު ބަދަލުވިއެވެ.
"ސިހުރެއް ނޫން!" ޖަވާބުގައި ރާމިޒާ ބުންޏެވެ. "އެސްފީނާ! އަހަރުމެންގެ އާއިލާއަށް މީހެއްގެ އެސްފީނާޖެހުނީ. އަޖުވަދު ނިޔާވި ގޮތް ޖީޒާ ހަނދާން ހުންނާނެ. ހަމަ ނުލާހިކު ރަނގަޅަށް ހުރި މީހެއް. މަރުވެގެން ތަންޑާވެފަ އޮއްވާ ފެނުނީ. އަދިއަދަށް ދާންދެން ވެސް އަޖުވަދަށް ވީ ގޮތެއް އަހަރުމެންނަކަށް ވެސް، ޑޮކްޓަރުންނަކަށް ވެސް ނޭނގެ. އޭގެ ފަހުން ހަސްނާއަށް ވީ ގޮތް ބަލާބަލަ! މި ގޭގަ ކޮންމެވެސް މައްސަލައެއް އެބަ އުޅެއެއްނު! އަހަރެން ބޭނުން މަލްހާ ސަލާމަތްކުރަން. އަނެއްކޮޅުން އަހަންނަކަށް މިހާރަކު އެނދަކުން ނުތެދުވެވޭ! އޭނަ ގެންދޭ ތިގެއަށް."
ރާމިޒާ ދޮގެއްނަހަދައެވެ. މައްސަލަ އުޅެނީ އެ ގޭގައެވެ. ހަތަރު ފާރުން އެތެރޭގައެވެ. ދެއްކި ވާހަކަ ޖީޒާއަށް ގަބޫލުކުރެވުނެވެ. ރާމިޒާގެ ބޮލުގައި ބަދުނާމެއް ނޭޅި މައްސަލަ ހައްލުވިއެވެ. އެ ދުވަހު ޖީޒާގެ ގެއަށް މަލްހާ ބަދަލުކުރިއެވެ. މަލްހާއަށް ބޭނުން ވެދާނެހެން ހީވާ ހުރިހާ އެއްޗެއް އެ ގެއަށް ފޮނުވިއެވެ. އެއީ މޯބައިލް ފޯނުގެ ޒަމާނެއް ނޫނެވެ. ނަރުފޯނު ވެސް ހުރިހައި ގެއަކު ނުހުރެއެވެ. އެކަމަކު މަލްހާގެ ކޮޓަރިއަށް ނަރުފޯނެއް ވެސް ލާން ރާމިޒާ ނިންމިއެވެ. ބޭނުން ވެއްޖެ ކޮންމެ ވަގުތަކު ރާމިޒާއަށް ގުޅޭނެ މަގު ތަނަވަސްކުރުމަށް ޓަކައެވެ. މޭކަޕުކުރާ ސާމާނު ބޭނުންވެގެން މަލްހާ އުޅޭތީ، މާލެއިން އެ ވަގުތު ލިބެން ހުރި ހުރިހައި އެއްޗެއް ރާމިޒާ ގަނެދިނެވެ. ރާމިޒާގެ ކަނާއަތުން ހުރިހައި ކަމެއް ކޮށް ނިންމައިލީ ވައަތަށް ވެސް ނާންގައެވެ. ހިތުގައި އޮތީ އެންމެ އުންމީދެކެވެ. ރާމިޒާގެ ގެއަށް ވުރެ ޖީޒާގެ ގެ ރައްކާތެރިވާނެއެވެ. އަމާންވާނެއެވެ. އެ ގެއަށް މަލްހާ ފޮނުވައިލަން ރާމިޒާ ނިންމި ނިންމުމާ މެދު ފަހުން ހިތާމަކުރާކަށް ނުޖެހޭނެއެވެ. ކުއްލިއަކަށް ރާމިޒާގެ ހިތް ތެޅިގަތެވެ. ނޫނެކެވެ. ރާމިޒާއަށް ބުނެވުނެވެ. އަދި އެއް ކަމެއް ނުކުރެވެއެވެ. އެނދު ކައިރީގައި ހުރި ފޯނުގެ އަތްގަނޑު ނަގައިފައި ޖީޒާއަށް ގުޅައިލިއެވެ. ފޯނު ނެގީ މަލްހާއެވެ. އޭނަ ހުރީ ވަރަށް ހަމަޖެހިފައެވެ.
"އަހަނ! ދަރިފުޅާ ގުޅާށޭ މި އުޅެނީ،" ރާމިޒާ ވަރަށް އުފާވެފައި ބުންޏެވެ. "ޖީޒާއަށް އުނދަގޫނުކޮށް، ވަރަށް ބަސްއަހައިގެން އުޅެއްޗޭ އިނގޭ! ކިޔަވަން ތަނަކަށް ވަންނަން ބޭނުމިއްޔާ ވެސް ޖީޒާ ގާތުގަ ބުނޭ. ހުރިހާ ކަމެއް ހަމަޖެހޭނެ. އޭނަގެ މަންމައަށް ކަމެއް ޖެއްހިއްޖެއްޔާ ވެސް ދަރިފުޅު ވާނެ ކޮށްދޭން. ދަރިފުޅަށް ތި ގެ ރަނގަޅުތަ؟"
"މާމާ!" ވަރަށް ލޯތްބާ އެކުގައި މަލްހާ ބުންޏެވެ. "މާމަ ތި ހުރިހާ ވާހަކައެއް ކުރިން ވެސް ބުނެފީމެއްނު! މާމަ ހާސްނުވެބަލަ! އަހަރެން ކުރިން އުޅުނީ އެހެން ރަށެއްގަ. މިހާރު މިހިރީ މާލޭގަ. މި ގެ ހަމަ ވަރަށް ރަނގަޅު. އަހަރެން މި އުޅެނީ ރައްޓެއްސަކަށް ފޯނެއް ކޮށްލަން ވެގެން. ހަމަ ފޯނު ކައިރިއަށް އައި ތަނާ މާމަ ތި ގުޅީ."
މަލްހާގެ އަޑުގައި ހުރީ އުފާވެރިކަމެވެ. އެއީ ރާމިޒާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެކަމަކު ފޯނުކުރި މަގުސަދު ހާސިލުކުރަން ރާމިޒާ ބޭނުމެވެ.
"އެހެންތަ! ދަރިފުޅުގެ ރައްޓެހިން މާލޭގަ ވެސް އުޅޭތަ؟" ސަމާސާ ރާގެއްގައި ރާމިޒާ ބުނެލިއެވެ. "ދަރިފުޅުގެ ކޮޓަރިއަށް ވެސް އަދި ލާނަން ފޯނެއް އިނގޭ. މާމައަށް ވަރިހަމަ ފޯނުން މީހުންނާ ކިތަންމެ ވާހަކައެއް ދެއްކިޔަސް. އެކަމަކު ޖީޒާ ނޫން މީހަކާ އެކީގަ ދަރިފުޅު ގެއިން ބޭރަށް ނުދާތި އިނގޭ! އެއްވެސް ރައްޓެއްސަކު ގެއަށް ވެސް ނުގެންނާތި!"
ކަނޑައެޅިގެން ފާއިޒުގެ ނަން ބުނާކަށް ރާމިޒާއަކަށް ނުކެރުނެވެ. ބުނާ ތަނާ އެ ވާހަކަ ފާއިޒުގެ ކަންފަތާ ހަމައަށް ހިނގައިދާނެތީއެވެ. އަނެއްކާ ދަރިފުޅު ރުޅިއަންނާކަށް ރާމިޒާ ބޭނުމެއް ނޫނެވެ. ހަމަ އެ މޭރުމުން ޖީޒާޔާ ވެސް ރާމިޒާ ވާހަކަދެއްކިއެވެ. މަލްހާ ރަނގަޅަށް ބެލެހެއްޓުމަށް އެދުނެވެ. ޖީޒާ އެ ޔަގީންކަން ދިން ވެސް މެއެވެ.
ދުވަހުގެ އިރު އޮއްސުނެވެ. ބަންގި ގޮވާ އަޑު އިވެން ފެށުމުން، ކުޑަ ހިތްވަރަކާ އެކުގައި ރާމިޒާ އެނދުން ތެދުވިއެވެ. ކުރެވުނު ގޮތަކަށް ވުލޫކުރިއެވެ. އޭރު ކޮނޑުހުޅުގައި ވެސް ރިހުމެއް ހުއްޓެވެ. އަތް އުފުލައިލަން ކުޅަދާނައެއް ނޫނެވެ. އެކަމަކު، ހިތަށް ލިބިފައިވާ ހަމަޖެހުން ވެސް ވަކި ކުޑައެއް ނޫނެވެ. ނަމާދުކުރީ އެނދުގައި އިށީނދެގެން އިނދެގެންނެވެ. ނަމާދަށް ހުއްޓައި، ދެ ފަހަރު ދޮރު ހުޅުވައިފައި ލެއްްޕިކަން ރާމިޒާއަށް އެނގެއެވެ. ދޮރު ހުޅުވަނީ ކާކު، ކީއްވެގެންކަން ވެސް ރާމިޒާއަށް އެނގެއެވެ. ނަމާދުކޮށް އަވަދިވީ ތަނާ ތިންވަނަ ފަހަރަށް ދޮރު ހުޅުވައިލިއެވެ. ރާމިޒާއަށް ހީވީ ރަނގަޅަށެވެ. ދޮރުމަތީގައި ހުރީ ފާއިޒެވެ.
"ދަރިފުޅާ!" ރާމިޒާ ގޮވައިލިއެވެ. "ކީއްވެގެން އިރުކޮޅުކޮޅާ.."
"ކަމެއް ނުވޭ!" އެތެރެއަށް ވަންނަމުން ފާއިޒު ބުންޏެވެ. "ދެން ހަމަ މަންމަ ކޮބައިތޯ ބަލައިލީ؟ ފައި ކިހިނެއް؟"
ފާއިޒަކީ މަންމަގެ ހާލުބަލާ ދަރިއެއް ނޫނެވެ. ތަދުވަނީ ރާމިޒާގެ ފަޔަކަށް ވެސް ނޫނެވެ. ވެގެން އުޅޭ ގޮތް ރާމިޒާއަށް އެނގެއެވެ. ވަރަށް ރަނގަޅަށް އެނގެއެވެ.
"ކުޑަކޮށް ރަނގަޅު،" މަސްލަހަތު އިސްކޮށްފައި ރާމިޒާ ބުންޏެވެ. "ކޮބާ ފިހާރައިގެ ތަޅު ރަނގަޅުކުރެވުނީތަ؟ ނަމާދު ގަޑިއަށް ބަންދުކުރާ އިރު ފާރަޔަށް މީހަކު ބަހައްޓާތި! މިރޭ ޖެހޭނެ ތަޅެއް ހަރުކުރަން. މި ދުވަސްވަރު ވަރަށް ވައްކަންކުރާ ވާހަކަ އޮތް ނޫހުގަ ޖަހާފަ."
"މި ދުވަސްވަރަކު ނޫން. އަބަދު ވެސް ވަގުން އުޅޭ!" ޝައުގުވެރިކަން ކުޑަ ރާގަކަށް ފާއިޒު ބުނެލިއެވެ. "ހަސްނާ ދެންމެ މަލްއަށް ގޮވާ އަޑު އެހިން. ކޮބައިތަ މަލް؟"
ހަސްނާ އޮޅިގެން ވެސް މަލްހާއަކަށް ނުގޮވާނެއެވެ. ރާމިޒާއަށް ކަށަވަރެވެ.
"ޖީޒާގެ މަންމަ ބަލިވެއުޅޭ ވާހަކަ ބުނީމަ މަލްހާ ކިޔައިފި މަލްހާ ބޭނުމޭ އެ ގެއަށް ދާން،" އެ ފަހަރު ރާމިޒާ ދޮގެއްހެދިއެވެ. "ޖީޒާ ވިހައި ގަދަވަންދެން ނޫނީ އެހެން ކުއްޖަކު ލިބެންދެން މަލްހާ އެ ގޭގަ ހުންނާނީ."
ފާއިޒު ހިތްހަމައެއް ނުޖެހުނެވެ. އޭނަގެ މޫނުމަތިން އެ ކަން ފާޅުވިއެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު އިނދެލައިފައި ނުކުމެގެން ދިޔައެވެ. ހިތްހަމަޖެހުމުގެ ނޭވައެއް ރާމިޒާއަށް ލެވުނީ އެ ހިސާބުންނެވެ.
މަލްހާއަކީ އާދަޔާ ހިލާފަށް ބަސްއަހާ ކުއްޖެއްކަން ޖީޒާއަށް ފާހަގަވިއެވެ. ތަނަވަސްކަން ހުއްޓަސް މަލްހާގެ ބޮޑާކަމެއް ނުހުރެއެވެ. ކަންނެތްކަމާއި، ދެއްކުންތެރިކަމެއް ވެސް ނުހުރެއެވެ. ކިޔެވުމުގެ ޝައުގުވެރިކަން މަލްހާގެ ހުއްޓެވެ. އެހެނަސް، އުމުރުން ފަނަރަ އަހަރު ފުރިފައިވާތީ މަލްހާ ބޭނުންވީ އިސްކޫލަކަށް ވަނުމުގެ ބަދަލުގައި ކޮންމެވެސް ކޯހެއްގައި ބައިވެރިވެގެން ކަމެއް ދަސްކުރާށެވެ. ހަޔާތާ ކުރިމަތިލާ އިރު މަސައްކަތެއް ދަސްވެފައި އޮތުން މަލްހާއަށް މާ މުހިންމެވެ. އެ ހިޔާލު ރާމިޒާއަށް ވެސް ވަރަށް ކަމުދިޔައެވެ.
ފަހަން ދަސްކޮށްދޭ ކޯހެއްގައި މަލްހާ ބައިވެރިވިއެވެ. އޭރު މާލޭގައި ހުރި އެ ފަދަ އެންމެ ރަނގަޅު ކިލާހަށް ވަނެވެ. ޖީޒާއަށް ފެނުނީ މަލްހާގެ ތޫނުފިލިކަމާއި، މުރާލިކަމެވެ. ވަރަށް އަވަހަށް މަލްހާ ދަސްކުރެއެވެ. މަލްހާ ކިލާހަށް ގެންގޮސް ގެންނަނީ ޖީޒާއެވެ. ބައެއް ދުވަސްދުވަހު މަގުމަތިން ފާއިޒު ފެނެއެވެ. ނިތްއެއްލައި ގޮވައިލައި ހަދައެވެ. ކިލާސް ބައެއް ފަހަރަށް ރޭގަނޑު ވެސް އޮވެއެވެ. ބައެއް ރޭރޭ މަލްހާ ބަލައި ދާ އިރު މަލްހާއާއި ފާއިޒު މަގުމަތީގައި ވާހަކަދައްކަން ތިއްބާ ވެސް ޖީޒާއަށް ފެނެއެވެ. އެކަމަކު ފާއިޒަކީ މަލްހާގެ ބޮޑުބޭބެއެވެ. އުޅުން ހުރި ހަރުދަނާ މީހެކެވެ. ޖީޒާ ކުރަން އޮންނާނީ ކޮން ޝައްކެއް ހެއްޔެވެ؟
މަލްހާ ފަހަން ދަސްކުރުމަށް ޓަކައި ގެއަށް ފަހާފޮށްޓެއް ގެނައެވެ. މާލޭގެ ގިނަ ގޭގޭގައި ފައިން އަނބުރާ ފޮށި ހުރި ޒަމާނުގައި ވެސް މަލްހާއަށް ލިބުނީ ކަރަންޓު ފޮށްޓެކެވެ. ފަހަން ފެށުމުން ގޮށްބަރަނިރޭނދާ ބޭނުންވެއެވެ. ރާމިޒާ ގާތުގައި ބުނުމުން ކޮންމެ އެއްޗެއް ވެސް ލިބެއެވެ. ފާއިޒު ދޭ ހަދިޔާ ވެސް މަދެއް ނޫނެވެ. މަލްހާއާއި ފާއިޒުގެ ގާތްކަން އިތުރަށް ބަދަހިވަމުންދިޔައެވެ.
ޖީޒާގެ މަންމަ ފައުޒިއްޔާ ފެންވަރުވަނީ ޖީޒާއެވެ. މަލްހާ ހުންނަނީ އެހީތެރިވާށެވެ. ފެންވަރުވައި ނިމުމުން ފައުޒިއްޔާ ރީތިކޮށްފައި، ފުނާއަޅުވައިފައި، ކާންދޭން ބައެއް ފަހަރު މަލްހާއާ ހަވާލުކުރެއެވެ. މަލްހާއާ މެދު ޖީޒާ ދެކެނީ ދަރިއެއް ގޮތަށެވެ. ގެންގުޅޭ ކުއްޖެއް ގޮތަކަށް ނޫނެވެ. ފައުޒިއްޔާއަށް ވެސް މަލްހާ ވަރަށް ކަމުދިޔައެވެ. ވާހަކަފޮތާއި ނޫސް ހިފައިގެން، ފޫހި ނުވެ އެތައް އިރަކު މަލްހާ އިންނާތީއެވެ. ގޭތެރޭގައި އިނެއް ކަމަކު މަލްހާއަކީ ނަލަހެދޭ ހިތްވާ ކުއްޖެކެވެ. މަލްހާގެ މަންމަ ވެސް އެ އުމުރުގައި އުޅުނީ އެހެންނެވެ. މަލްހާގެ ނަލަހެދުމާއި މޭކަޕުކުރުން ފައުޒިއްޔާއަށް ވަރަށް ކަމުދެއެވެ.
އެއްދުވަހު ޖީޒާ ބޭރުން އައިސް ގެއަށް ވަން އިރު ފައުޒިއްޔާ އިނީ ފެންވަރުވައިފައެވެ. ބޮލުގައި ފުނާއަޅުވައި، ރުކެއްހެން އިސްތަށިގަނޑު އައްސައިލައިފައެވެ. މަންމަގެ ތުންފަތުގައި ހުރީ ލިޕްސްޓިކު ވެސް ޖައްސައިފައެވެ. މަންމަގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ހައިރާންވީ ޖީޒާއެވެ. ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއް ވެސް ޖީޒާއަކަށް ނޭނގުނެވެ. ޒުވާން އިރު މަންމައަކީ ވެސް ނަލަހެދިގެން ލިޕްސްޓިކް ޖައްސާ މީހެކެވެ. އެކަމަކު އުމުރުގެ ވަކި ހިސާބަކުން އެ ފަދަ ކަންތައްތައް އަންހެނުން ދޫކޮށްލާހެން މަންމަ ވެސް ދޫކޮށްލީއެވެ. މަންމަގެ ތުންފަތުގައި ލިޕްސްޓިކު ޖެއްސުމަކީ ޖީޒާ ހިތަށް ވެސް އެރި ކަމެއް ނޫނެވެ.
"މީ ކޮން ކަމެއް؟" ހައިރާންވެފައި ޖީޒާ އެހިއެވެ.
ނުނިމޭ