20 ޖޫން 2021 - 09:29

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، ބީއެމްއެލްގެ ސާވިސް ސެންޓަރުތަކާއި ބްރާންޗުތައް މި ހަފުތާގައި ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލުން ބުނީ މި މުއްދަތުގައި ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ބަންދުވި ނަމަވެސް ކާޑުތައް ދޫކުރުމަށް ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވާނެ ކަމަށެވެ. އެ ސެންޓަރުން ހިދުމަތް ދޭނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 2:00 އަށެވެ.
ހުޅުމާލޭގެ ބްރާންޗުން ކާޑުތައް ދޫކުރާނީ ބީއެމްއެލުން ބުނިގޮތުގައި ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.
ބީއެމްއެލްގެ ސާވިސް ސެންޓަރުތައް މި ހަފުތާގައި ބަންދުވި ނަމަވެސް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ އެވެ. އަދި އޮންލައިންކޮށް އަސާސީ ބޭންކިން ހިދުމަތް ވެސް ދޭނެ އެވެ.
އެގޮތުން، ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމާއި އީމެއިލް މެދުވެރިކޮށް މުސާރަ ޖަމާކޮށްދިނުމުގެ ހިދުމަތާާއި އޭޓީއެމަށް ޖަމާކުރާ ބީއެމްއެލްގެ ޗެކުތައް ޕްރޮސެސް ކުރުމުގެ ހިދުމަތް ވެސް ހަފުތާ ބަންދު ނޫން ކޮންމެ ދުވަހަކު ލިބޭނެ އެވެ. އޭޓީއެމަށް ޖަމާކުރާ އެހެނިހެން ބޭންކުތަކުގެ ޗެކާއި ލޯކަލް ޓްރާންސްފާގެ ހިދުމަތް ބޭންކުން ދޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.
ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވަން ހެނދުނު 11:00 ގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް އެ ދުވަހުން ދުވަހަށް ޕްރޮސެސް ވާނެ އެވެ. އަދި މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމުގެ ހިދުމަތުގެ ދަށުން ބީއެމްއެލް އެކައުންޓުތަކަށް ފައިސާ ޖަމާކޮށްދޭން މެންދުރު 12:00 ގެ ކުރިން ހުށަހަޅައިފި ނަމަ އެ ދުވަހު ޕްރޮސެސް ކުރާއިރު، އެހެނިހެން ބޭންކުތަކަށް ޖަމާކުރާ މުސާރަ އެ ދުވަހު ޕްރޮސެސް ކޮށްދޭނީ ހެނދުނު 11:00 ގެ ކުރިން ފޮނުވުމުންނެވެ.