26 ނޮވެމްބަރ 2016 - 07:00

ކިޑްނީ ބައްޔަށް ދާއިމީކޮށް ފަރުވާކުރާ މީހުންނަށް ރަނގަޅަށް ނިދި ނުލިބޭ ނަމަ އެ މީހުންގެ ބަލި އިތުރަށް ގޯސްވެދާނެ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
"ރަނގަޅަށް ނުނިދުން އަދި އިރުއިރުކޮޅަކާ ނިދިފައި ހޭލެވުމަކީ ކިޑްނީ ބަލި އިތުރަށް ގޯސްވުމަށް މެދުވެރިކުރުވާ ސަބަބެއް،" ދިރާސާގައި އިސްކޮށް ހުންނެވި ޔުނިވަސިޓީ އޮފް އިލިނޮއިސްގެ ޑރ. އަނާ ރިކާޑޯ ވިދާޅުވެފައިވެ އެވެ.
އެމެރިކަން ސޮސައިޓީ އޮފް ނެފްރޮލޮޖީގެ ނިއުސް ރިލީޒެއްގައި އަނާ ވިދާޅުވެފައި ވަނީ ކިޑްނީ ރަނގަޅަށް މަސައްކަތް ކުރުމަށް ނިދީގެ މުހިންމު ކަމާއި ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ނިދީގެ ހާލަތު ރަނގަޅު ކުރުމަށް އިސްކަން ދިނުމުގެ މުހިންމުކަން މި ދިރާސާއިން ހާމަވެއްޖެ ކަމަށެވެ.
ނަމަވެސް ކިޑްނީ ފެއިލް ވެފައިވާ މީހުންގެ ހާލަތު ނިދި މަދުވުމުގެ ސަބަބުން އިތުރަށް ގޯސްވަނީ ކޮން ސަބަބަކާ ހެދި ކަމެއް މި ދިރާސާއިން އެނގިފައެއް ނުވެ އެވެ.
މި ދިރާސާކުރުމަށް ސައިންސްވެރިން ވަނީ ކިޑްނީ ބައްޔަށް ފަރުވާ ހޯދާ 432 މީހަކު ބައިވެރިކޮށް އެ މީހުންގެ ނިދުމުގެ އާދަ ހުންނަ ގޮތް ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތަކަށް މޮނިޓަކޮށްފަ އެވެ. އަދި ފަސް އަހަރުގެ މުއްދަތުގައި އެ މީހުންގެ ސިއްހީ ހާލަތު ހުންނާނެ ގޮތް މި ދިރާސާގެ މުއްދަތަށް ބިނާކޮށް ލަފާކުރި އެވެ.
މި ދިރާސާގައި ބައިވެރިކުރި މީހުން އެވްރެޖް ގޮތެއްގައި ނިދާފައި ވަނީ ރެޔަކު 6.5 ގަޑިއިރު އެވެ. މި މީހުންގެ ތެރެއިން 70 މީހެއްގެ ކިޑްނީ ފެއިލްވާނެ ކަމަށާއި އޭގެ ތެރެއިން 48 މީހަކު މަރުވާނެ ކަމަށް ދިރާސާއިން ދެއްކި އެވެ.
ޖުމުލަ ގޮތެއްގައި ދިރާސާއިން ދެއްކީ ރަނގަޅަށް ނުނިދޭ ނަމަ ކިޑްނީ ފެއިލްވުމަށް އޮންނަ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ. އަދި ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން، ދުވާލުގެ ވަގުތުގައި ނިދީގެ އިހްސާސްކުރެވުނު މީހުން ކިޑްނީ ބަލީގައި މަރުވުމަށް އޮންނަ ފުރުސަތު 10 ގުނަ އިތުރު ކަމަށް ވެސް ދިރާސާއިން ހާމަވި އެވެ.