ބިޑި އަޅުވައިގެން ދެ ލޯބިވެރިން އެކުގައި ހަތަރު މަސް؛ މިހާރު އެއްވެސް ގުޅުމެއް ނެތް
ބިޑި އަޅުވައިގެން ދެ ލޯބިވެރިން އެކުގައި ހަތަރު މަސް؛ މިހާރު އެއްވެސް ގުޅުމެއް ނެތް

އެކަކު އަނެކަކު ދެކެ ލޯބިވާވަރު ހާމަކޮށްދީ، ލޯބި ޓެސްޓްކުރަން އަތުގައި ބިޑި އަޅުވައިގެން އުޅުނު ޔުކްރޭންގެ ދެ ލޯބިވެރިޔަކު ހަތަރު މަހެއްހާ ދުވަސް ފަހުން ވަކިވާން ނިންމައި، ބިޑި ނައްޓާލައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ވިކްޓޯރިއާ ޕުޒްޓިވޯ އާއި އެލެގްޒެންޑާ ކަޑްލީގެ ލޯބި ޓެސްޓްކުރުމުގެ ގޮތުން ދެ މީހުންގެ އަތް ބިޑިއަކުން ގުޅުވައިލީ ލޯބިވެރިންގެ ދުވަހަކާ ގުޅުވައިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ގަ އެވެ.

އެ ދުވަހުގެ ފަހުން އެ ދެ މީހުން ހުރިހާ ކަމެއް ކުރަމުން އައީ އެކީގަ އެވެ. އެކަމަކު އެކީގައި 123 ދުވަސް ހޭދަކުރުމަށް ފަހު ވަކިވާން ނިންމައި، ދެ މީހުންގެ އަތުގައި އޮތް ބިޑި މިދިޔަ ބުރާސްފަތި ދުވަހު ބުރިކޮށްލީ ޔުކްރޭންގެ ވެރިރަށް ކިއެވްގަ އެވެ.

އެކަން ކުރީ ނޫސްވެރިންނާއި ފޮޓޯގްރާފަރުންގެ ކުރިމަތީގަ އެވެ. އަދި ބިޑި ނީލަމުގައި ވިއްކައިލަން މިހާރު ވަނީ ނިންމައިފަ އެވެ. އެއަށް އެންމެ މަދުވެގެން ވެސް ތިން މިލިއަން ހަރްނިއާ (110،000 ޑޮލަރު) ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ލޯބިވެރިޔާއާ ވަކިވުމަށް ފަހު، ވިކްޓޯރިއާ ބުނީ އޭނާ ދެން ބޭނުން ވަނީ އެލެޒެންޑާއާ އެކީގައި އުޅުނު ސިޓީ ދޫކޮށްލައި، ގައުމުގެ މުޅިން އެހެން ހިސާބަކަށް ބަދަލުވާން ކަމަށެވެ. އަދި އޭނާގެ ހަޔާތް ކުރިއަށް އޮތީ ކަމަށް ބުންޏެވެ.

"އަހަރެން އުންމީދު ކުރަން އަހަރެމެން ލޯބި ޓެސްޓްކުރަން މި ކުރި ކަންތައް ގިނަ ބަޔަކަށް އިބުރަތަކަށް ވެސް ވާނެ ކަމަށް،" ވިކްޓޯރިއާ ބުންޏެވެ.

އެލެގްޒެންޑާ ބުނި ގޮތުގައި ހަތަރު މަހަށް ވުރެ ގިނަ ދުވަހު ހުރިހާ ވަގުތެއްގައި ހުރިހާ ކަމެއް އެކީގައިި ކުރި ނަމަވެސް ވަކިވާން ނިންމީ އެ ގުޅުން ކުރިއަށް ނުގެންދެވޭނެކަން ކަށަވަރުވުމުންނެވެ.

"އަހަރެމެންގެ ދެ މީހުންގެ މިޒާޖާއި ހިޔާލާއި ވިސްނުން ވެސް ދިމައެއް ނުވޭ. އެހެންވެ ކަށަވަރުވި ކަމަކީ މި ގުޅުން ކުރިއަށް ގެންދިއުން ބުއްދިވެރި ނޫންކަން،" އޭނާ ބުންޏެވެ. "އެހެންވެ ދެ މީހުން އަމިއްލަށް އެއްބަސްވެގެން ވަކިވާން ނިންމީ."