22 ނޮވެމްބަރ 2016 - 19:26

ބެންކޮކް (ނޮވެމްބަރު 22) - ތައިލެންޑުގެ ބޮޑެތި ފަގީރުންނަށް ދޭ އެހީއެއްގެ ގޮތުގައި 358 މިލިއަން ޑޮލަރު ބަހާލުމަށް އެ ގައުމުގެ އަސްކަރީ ވެރިން ނިންމައިފި އެވެ.
ތައިލެންޑުގެ ވެރިކަމުގައި މިހާރު ތިބީ އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ޔިންގްލަކް ޝިނަވަތުރާގެ މަދަނީ ސަރުކާރު 2014 ވަނަ އަހަރު ބަޣާވާތަކުން ވައްޓާލި އަސްކަރީ އިސް މީހުންނެވެ. ވެރިކަމާ ހަވާލުވި އަސްކަރީ ވެރިޔާ ޕްރްޔަތު ޗާން -އޮޗާ ވަނީ ޔިންގްލަކް ކުރިއަށް ގެންދެވި ހަނޑުލުގެ ސަބްސިޑީން ދައުލަތަށް ބިލިއަން ޑޮލަރުން ގެއްލުންވި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކޮށްފަ އެވެ. އަދި ސަރުކާރުގެ ސަބްސިޓީ ނިޒާމު އުވާލާނެ ކަމަށް ޕްރްޔަތު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އަންނަ މަހުން ފެށިގެން ފަގީރުންނަށް ނަގުދު ފައިސާގެ ގޮތުގައި 358 މިލިއަން ޑޮލަރު ބަހާނެ ކަމަށް އަސްކަރީ ސަރުކާރުން ބުނުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.
ޕްރްޔަތު ވިދާޅުވީ މިއީ މަދުން އާމްދަނީ ލިބޭ މީހުންނަށް އެހީވުމަށް ކުރާ ކަމެއް ކަމަށެވެ. އަދި މި ފިޔަވަޅުގެ ސަބަބުން މީހުން ޚަރަދު ކުރާ މިންވަރު އިތުރުވެ އިގްތިސާދަށް ފައިދާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
ފައިސާ ދޫކުރަން ހަމަޖެހިފައި ވަނީ އަހަރަކު 30،000 ބާތު (845 ޑޮލަރު) އަށް މަދުން ލިބޭ މީހުންނަށް 3،000 ބާތެވެ. އަދި 30،000- 10،000 ބާތާ ދެމެދު އާމްދަނީ ލިބޭ މީހުންނަށް 1،500 ބާތެވެ. މި ސްކީމުގައި ދަނޑުވެރިންނެއް ނުހިމެނެ އެވެ. ޕްރަޔަތު ވިދާޅުވީ ދަނޑުވެރިންނަށް މިހާރު ވެސް ސަރުކާރުން މާލީ އެހީ ދޭ ކަމަށެވެ. ދަނޑުވެރިންނަށް އެހީވުމުގެ ގޮތުން ސަބްސިޑީގެ ގޮތުގައި 1.3 ބިލިއަން ޑޮލަރުގެ ޕެކޭޖަކަށް ސަރުކާރުން މި މަހު ކުރީކޮޅު ވަނީ ހުއްދަ ދީފަ އެވެ.