19 ޖޫން 2021 - 14:50

ނޭޕީޑޯ (ޖޫން 19) - މިއަންމާ އަށް ގެނައި އަސްކަރީ ބަޣާވާތާ ގުޅިގެން އެ ގައުމަށް ހަތިޔާރު ވިއްކުން މަނާކުރުމަށް އދ. އިން ގޮވާލައިފި އެވެ.
މިއަންމާގެ މަދަނީ ސަރުކާރު ވައްޓާލައި ސިފައިން ބަޣާވާތް ގެނެސްފައި ވަނީ ފެބްރުއަރީ މަހު އެވެ. އދ.ގެ ޖެނެރަލް އެސެމްބްލީން ވަނީ ބަޣާވާތް ކުށްވެރިކޮށް ގަރާރެއް ފާސްކޮށްފަ އެވެ. ބަޣާވާތަށް ފަހު ހައްޔަރުކުރި ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ވެސް އދ. އިން ވަނީ ގޮވާލައިފަ އެވެ.
ޖެނެރަލް އެސެމްބްލީގެ ގަރާރާ އެއްކޮޅަށް 119 ގައުމުން ވޯޓު ދިނެވެ. އެ ގަރާރަށް ދެކޮޅު ހަދާފައި ވަނީ ބެލާރުސް އެކަންޏެވެ. ވަކިކޮޅަކަށް ވޯޓު ނުދެނީ 36 ގައުމަކުންނެވެ. އޭގެ ތެރޭގައި މިއަންމާއާ ގާތް ގުޅުމެއް އޮންނަ ރަޝިޔާ އާއި ޗައިނާ ހިމެނެ އެވެ.
މިއަންމާގެ މަދަނީ ސަރުކާރު ތަމްސީލްކުރާ ސަފީރު ކިޔޯ މޮއެ ޓުން ވިދާޅުވީ އަސްކަރީ ބަޣާވާތް ކުށްވެރި ކުރަން އެހާ ގިނަ ދުވަސް ނެގީތީ ހިތާމަ ކުރައްވާ ކަމަށެވެ.
ބަޣާވާތަށް ފަހު ހައްޔަރު ކުރި މިއަންމާގެ ޑިމޮކްރެޓިކް ލީޑަރު އަން ސަން ސޫކީ، 75، އަދިވެސް ހުންނެވީ ބަންދުގަ އެވެ. އެކަމަނާގެ ހާލަތާ ގުޅޭ ގޮތުން މާގިނަ މައުލޫމާތެއް ނޭނގެ އެވެ.
ބަޣާވާތް ގެނައި ސަބަބެއް ކަމަށް ސިފައިން ބުނެފައި ވަނީ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވުމެވެ. ނަމަވެސް މިނިވަން މުއައްސަސާތަކުން ބުނެފައި ވަނީ މިއަންމާގައި ބާއްވާފައި ވަނީ އިންސާފުވެރި އިންތިޚާބެއް ކަމަށެވެ.