22 ނޮވެމްބަރ 2016 - 18:12

ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ބަޔަކަށް ކުށް ސާބިތުވެ އެ މީހުން 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު 2013 ގައި ވުޖޫދަށް އައި ފަހުން ފުރަތަމަ ފަހަރަށް ކުށް ސާބިތުވެ ޖަލު ހުކުމެއް އައީ ބަންގްލަދޭޝްގެ ރައްޔިތުންތަކެއް ކަމަށްވާ އެމްޑީ ސައިމޮއްލާ އާއި އަބްދުލްމަލަކު އަދި ބާދުޝާގެ މައްޗަށެވެ. މިއީ ގާނޫނު ވުޖޫދަށް އައި ފަހުން ފުލުހުން ފުރަތަމަ ބެލި މައްސަލަ އެވެ.
އެ މީހުންގެ މައްޗަށް ހުކުމް އައީ ޑިސެމްބަރު، 2013 ގައި ބަންގްލަދޭޝްގެ އަންހެނަކު މާލެ ގެނެސް ހިއުމަން ޓްރެފިކިންގެ އަމަލުތައް އޭނާއާ މެދު ހިންގިކަން ސާބިތުވެގެންނެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު ބުނާގޮތުން މަޖުބޫރުކޮށްގެން މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި އެ މީހުން ލައްވައި، މަޖުބޫރުން މަސައްކަތް ކުރުވުމަކީ ހިއުމަން ޓްރެފިކިންގެ އަމަލުތައް ކަމުގައި ބެލެވޭނެ އެވެ.