ދައުލަތުގެ އޮފީސްތަކުން 2022-2024ގެ ބޭސްލައިން ބަޖެޓު ހުށަހަޅަން އަންގައިފި
ދައުލަތުގެ އޮފީސްތަކުން 2022-2024ގެ ބޭސްލައިން ބަޖެޓު ހުށަހަޅަން އަންގައިފި

އަންނަ އަހަރުން ފެށިގެން 2024 އާ ހަމައަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ "ބޭސް ލައިން" ބަޖެޓު އަންނަ އޮގަސްޓު 12 ގެ ކުރިން ފޮނުވަން ފިނޭންސް މިނިސްޓްރީން އިއްޔެ އަންގައިފި އެވެ.

އެ މިނިސްޓްރީ ނެރުނު ސާކިއުލާއެއްގައި ބުނީ ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް އެކުލަވާލައި ބަޖެޓުގެ ޕްރޮސެސްއާ ގުޅޭ މައުލޫމާތު ހުރިހާ އޮފީހަކާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސުންގަޑި ހަމަވުމުގެ ކުރިން ބޭސްލައިން ބަޖެޓު ހުށަނާޅާ ނަމަ، އެ އޮފީސްތަކުގެ ބަޖެޓު ތައްޔާރު ކުރުމުގެ އިހްތިޔާރު ފިނޭންސް މިނިސްޓްރީ އަށް ލިބޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ބޭސްލައިން ބަޖެޓަކީ އޮފީސްތަކުން މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކާއި މަޝްރޫއުތަކަށް ހިނގާނެ ކަމަށް ލަފާކުރެވޭ ހަރަދުތަކުގެ މައްޗަށް އެކުލަވައިލާ ބަޖެޓެކެވެ. މި ބަޖެޓުގައި އަލަށް ފަށަން ނިންމާފައިވާ ހަރަކާތްތަކާއި އާ މަޝްރޫއުތަކާއި އަލަށް ނަގަން ނިންމާފައިވާ މުވައްޒަފުންގެ މައުލޫމާތު ނުހިމެނޭނެ އެވެ.

ބޭސްލައިން ބަޖެޓު ހިމެނޭނީ އަންނަ އަހަރާއި މެދުރާސްތާގެ ބަޖެޓުގެ ތެރޭގަ އެވެ. މި ބަޖެޓުގައި ބޭސްލައިން ބަޖެޓުގެ އިތުރުން އޮފީސް ބަޖެޓު ސްޓޭޓްމަންޓާއި މުސާރައިގެ ބަޖެޓުގެ ތަފުސީލާއި ހިންގަމުންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފްސީލު ވެސް ހިމެނޭނެ އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް، މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ.

ފިނޭންސުން ބުނިގޮތުގައި އަންނަ އަހަރަށް މެދުރާސްތާގެ ބަޖެޓެއް އެކުލަވައިލަނީ ކޮވިޑް-19ގެ ސަބަބުން ސިއްހީ، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތަކުން އަރައިގަނެ، ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިފެއްދުންތެެރިކަމުގެ ނިސްބަތުން ދަރަނި ކުރުމުގެ މަގުސަދުގަ އެވެ.

- އިގްތިސާދީ އިތުރު ހަރަކާތްތައް ފެށުން.

- ދައުލަތުން ފޯރުކޮށްދޭ އިޖުތިމާއީ އަދި އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން.

- ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުން.

- ދައުލަތުގެ ހިދުމަތްތައް ލާމަރުކަޒީ ކުރުމާއި ސަރަހައްދީ ކުރިއެރުމަށް ފުރުސަތު ދިނުން.

- ދައުލަތުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެކަށޭނެ ބަޖެޓެއް ކަަނޑައަލައި ބަޖެޓު ކްރެޑިބިލިޓީ ދެމެހެއްޓުން.

- ކާރިސާތަކަސް ދައުލަތުގެ މާލިއްޔަތުން ތައްޔާރުވެފައިވާ މިންވަރު އިތުރުކޮށް ހިރާސްތައް ކުޑަކުރުން.