20 ޖޫން 2021 - 06:43

ސަލްމާން ޚާންގެ އެންމެ ފަހުގެ ފިލްމު "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" އަށް ކްރިޓކުންގެ ފަރާތުން އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާ ހެދި ރިމޭކްތައް ކުޅުމާ މެދު މިހާރު ދެވަނަ ވިސްނުމަކަށް ދާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުގައި މި ވާހަކަ ދެކެވެން ފަށާފައި ވަނީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ކާމިޔާބު ތަމަޅަ ފިލްމު "މާސްޓާ" އަދި ރިލީޒްނުކުރާ ތެލެގޫ ފިލްމު "ކިލާޅީ" ގެ ރިމޭކްތައް ވެސް ކުޅެން ސަލްމާން ނިންމާފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.
ސަލްމާނަށް "މާސްޓާ" ގެ ހިންދީ ރިމޭކް ހުށަހެޅި ކަމަށް މީޑިއާތަކުން ބުނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. އަދި "ކިލާޅީ" ގެ ރައިޓްސް ހޯދަން އޭނާ މަސައްކަތްކުރާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރީ މި މަހުގެ ކުރީކޮޅު އެވެ.
ނަމަވެސް ސަލްމާންގެ ގާތް ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ދެން ރިމޭކްތައް ކުޅުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ނިންމައި "މާސްޓާ" ގެ މުޅި ސްކްރީންޕްލޭ ބަދަލުކުރަން ސަލްމާން އެދިފައިވާ ކަމަށެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "މާސްޓާ" ގައި ވިޖޭ ކުޅުނު ޖޭޑީގެ ކެރެކްޓާ ސަލްމާނަށް ވަރަށް ކަމުދިޔަ ނަމަވެސް، އެ ފިލްމު އޮތް ގޮތަށް އެ ކުޅެން އޭނާ ބޭނުން ނޫނެވެ. އެހެންވެ ކެރެކްޓާގެ އަސްލު ނުގެއްލޭ ގޮތަށް ޕްލޮޓަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެދިފައިވާ ކަމަށާއި ފިލްމަށް އޭނާ ދެން އެއްބަސްވާނީ ބޭނުންވާ ވަރަށް ބަދަލުތައް ގެނެސްފައިވާ ނަމަ ކަމަށް ބުންޏެވެ.
އިންޑިއާގެ ދެކުނުގެ ފިލްމުތަކާއި އަދި އިންޑިއާ އިން ބޭރުގެ ފިލްމުތަކުގެ ޕްލޮޓްތައް އިރާލައިގެން ހަދާ ފިލްމުތައް ސަލްމާން މާ ގިނައިން ކުޅޭތީ އަބަދު ވެސް އޭނާ އަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ އެވެ.
މިދިޔަ މަހު ރިލީޒްކުރި "ރާދޭ" އަކީ ދެކުނު ކޮރެއާގެ 2017 ގެ ފިލްމު "ދި އައުޓްލޯސް" އަށް ބިނާކޮށް ހެދި ފިލްމެކެވެ. އަދި ޝޫޓިން ނިންމާފައި އޮތް ސަލްމާންގެ "އަންތިމް: ދަ ފައިނަލް ޓުރުތު" އަކީ 2018 ގެ މަރާޓީ ފިލްމު "މުލްކީ ޕެޓާން" ގެ ރިމޭކެކެވެ.
ސަލްމާންގެ 2019 ގެ "ބާރަތު" އަކީ ކޮރެއާގެ 2014 ގެ ފިލްމު "އޯޑް ޓު މައި ފާދާ" އަށް ބިނާކޮށް ހެދި ފިލްމެކެވެ. އަދި އޭނާގެ 2014 ގެ "ކިކް" އާއި ހަމަ އެ އަހަރުގެ "ޖޭ ހޯ" އާއި 2009 ގެ "ވޯންޓެޑް" އަދި 2011 ގެ "ރެޑީ" އަކީ ވެސް ދެކުނު ފިލްމުތަކެއްގެ ރިމޭކްތަކެކެވެ.
ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޓައިގާ 3" އާއި "ބައިޖާން" އަދި "ކިކް 2" ހިމެނެ އެވެ.
ސަލްމާން ދެން ފިލްމުތައް ހޮވުމުގައި ކުރިއަށް ވުރެ ބޮޑަށް ފަރުވާތެރިވާން ވިސްނަން ފެށި އިރު އޭނާގެ "ރާދޭ" އަކީ ބައްޕަ ސަލީމް ޚާން ވެސް ފާޑުކިޔާފައިވާ ފިލްމެކެވެ. އޭނާ ބުނި ގޮތުގައި އެ ފިލްމަކީ އެއްގޮތަކަށް ވެސް ކަމުދާ ފިލްމެއް ނޫނެވެ. އެހެންވެ މިހާރަށް ވުރެ ރަނގަޅު ސްކްރީން ރައިޓަރުންނަށް ބޮލީވުޑް ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.