އެމެރިކާގެ ގިނަ މީހުން ބުނަނީ ޓްރަމްޕުގެ ވެރިކަން ގޯސް ނުވާނެ ކަމަށް
އެމެރިކާގެ ގިނަ މީހުން ބުނަނީ ޓްރަމްޕުގެ ވެރިކަން ގޯސް ނުވާނެ ކަމަށް

ވޮޝިންޓަން (ނޮވެމްބަރު 22 ) - އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުު ކުރިތާ ދެ ހަފުތާ ފަހުން ނެގި ޚިޔާލު ހޯދުންތަކުން ދައްކަނީ ޓްރަމްޕް ވެރިކަން ކުރައްވާނެ ގޮތް ގޯސް ނުވާނެ ކަމަށާއި ޚާއްސަކޮށް އިގްތިސާދީ ގޮތުން ބަދަލުތައް ގެންނަވާނެ ކަމަށެވެ.

ސީއެންއެން އިން ކުރި ސާވޭއަކުން ދެއްކި ގޮތުގައި ރައީސެއްގެ ގޮތުން ޓްރަމްޕް ރަނގަޅު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް 53 ޕަސެންޓް މީހުން ވަނީ ބުނެފަ އެވެ. އަދި އިގްތިސާދީ ގޮތުން ބަދަލު ގެންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް 40 ޕަސެންޓް މީހުން ވަނީ ބުނެފަ އެވެ. މިއީ އެމެރިކާގެ ރައީސުން ކަމަށްވާ ބަރަކް އޮބާމާ އާއި ޖޯޖް ޑަބްލިއު. ބުޝް، ބިލް ކްލިންޓަން އަދި ރޮނަލްޑް ރޭގަން ވެސް ފުރަތަމަ ދައުރަށް ހޮވިވަޑައިގެން، ހުވާ ކުރެއްވުމުގެ ކުރިން ރައްޔިތުން އިތުބާރު ކުރި މިންވަރަށް ވުރެ މަތީ އަދަދެކެވެ.

ޚިޔާލު ހޯދުމުގައި ސުވާލު ކުރި ގިނަ މީހުން ބުނެފައި ވަނީ ކެމްޕޭނުގައި ޓްރަމްޕް ވައުދުވި ގިނަ ކަންކަން ހާސިލް ކުރާނެ ކަމަށެވެ. އަދި ހަތަރު ބައި ކުޅަ ތިން ބައި މީހުން ވަނީ އޮބާމާގެ ވެރިކަމުގައި އިސްކަން ދެއްވި ސިއްހީ އިންޝުއަރެންސް ނިޒާމް، އޮބާމާކެއާ އުވާލާ ނުވަތަ ބަދަލު ގެންނާނެ ކަމަށެވެ.

ޓްރަމްޕުގެ ވެރިކަމުގައި ގައުމަށް ބަދަލު ގެންނާނެ ކަމަށް 66 ޕަސެންޓް މީހުން ބުނެފައިވެ އެވެ. އަދި އެއީ ހެޔޮ ބަދަލެއް ކަމަށް އޭގެ ތެރޭން 43 ޕަސެންޓް މީހުން ވަނީ ބުނެފަ އެވެ. ވެރިކަމާ ހަވާލުވުމުގެ އިންތިޒާމްތައް ޓްރަމްޕް ގެންދަވާ ގޮތާ މެދު ހިތްހަމަ ޖެހޭ ކަމަށް 46 ޕަސެންޓް މީހުން ވަނީ ބުނެފަ އެވެ.

މި ޚިޔާލު ހޯދުމުގެ ސާވޭކޮށްފައި ވަނީ މި މަހު 17-20 އާ ދެމެދު ފޯނުންނެވެ. ސާވޭގައި ވަނީ 1،003 މީހުންނާ ސުވާލުކޮށްފަ އެވެ.