18 ޖޫން 2021 - 22:32

ކޮންމެ ދުވަހަކު ރާއްޖޭން އަލަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 200 އިން މަތީގައި ހުންނަތާ ދެ މަހެއްހާ ދުވަސް ފަހުން މިއަދު އެ އަދަދު 142 އަށް ދަށްވެއްޖެ އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ 24 ގަޑިއިރުތެރޭ 3،520 ސާމްޕަލްގެ ނަތީޖާ އިން ފެނުނީ ކޮވިޑްގެ 142 ކޭހެވެ.
އެއީ މާލެއިން ޕޮޒިޓިވްވި 51 މީހަކާއި ރަށްރަށުން ޕޮޒިޓިވްވި 88 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.
އެންމެ ފަހުން 200 އަށް ވުރެ މަދުން ކޭސް ފެނިފައި ވަނީ އޭޕްރީލް 11 ވަނަ ދުވަހު އެވެ. އެއީ 162 އެވެ. އޭގެ ފަހުން ކޭސްތައް މަތިވަމުން ގޮސް މިހާރު ހުރި ވަރަށް އަދަދުތައް ދަށްވުމުގެ ކުރިން 24 ގަޑިއިރު ތެރޭ އަލަށް ފެނުނު ކޭސްތަކުގެ އަދަދު 2،000 އިން މައްޗަށް ވެސް ދިޔަ އެވެ.
އިއްޔެ ކޮވިޑުން ރަނގަޅުވި 964 މީހުންނާ އެކު، ކޮވިޑް ޖެހުނު 71،498 މީހުންގެ ތެރެއިން މިހާރު ބަލިން 65،178 މީހުން ވަނީ ރަނގަޅުވެފަ އެވެ. އެހެންވެ އެކްޓިވް ކޭސްތައް ވަނީ 6،106 އަށް ދަށްވެފަ އެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ވަނީ 203 މީހަކު މަރުވެފަ އެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށް ފަހު އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދަށްވާން ފަށައިފަ އެވެ.
ބަލި ޖެހޭ މީހުން މަދުވާން ފެށުމާ އެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މަޑުމަޑުން ލުއި ދޭން ފަށައި މިހާރު ވަނީ ކާފިއު ވަގުތު ހަވީރު 4:00 ން ފަތިހު 4:00 އަށް ބަދަލުކޮށްފަ އެވެ.