22 ނޮވެމްބަރ 2016 - 17:45

ސަރުކާރުގެ އެކިއެކި ހަފުލާތަކަށް ދައުވަތު ދެއްވުމުގައި މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އިންނާ މެދު ވެސް ޑެޕިއުޓީ މިނިސްޓަރުންނާ އެއް ފެންވަރެއްގައި އަމަލުކުރުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އަންގަވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ބުނީ ސަރުކާރުގެ މަގާމުތަކުގެ އޮނިގަނޑުގައި ޕީއެސް އިން ދަރަޖަ ކޮށްފައި ވަނީ މިނިސްޓަރުންގެ ނައިބުންނާ އެއް ފެންވަރެއްގައި ކަމަށެވެ. އެހެންކަމުން ސަރުކާރުގެ އޮފީސްތަކުން ބާއްވާ ހަފުލާތަކަށް ޕީއެސް އިންނަށް ދައުވަތު ދެއްވުމުގައި ޑެޕިއުޓީ މިނިސްޓަރުންނާ އެއް ފެންވަރެއްގައި އިންތިޒާމުތައް ހަމަޖެއްސުމަށް ދަންނަވަން ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ސަރުކާރުގެ އޮފީސްތަކުން ބާއްވާ ބައްދަލުވުންތަކަށާއި ހަފްލާތަކަށް ދައުވަތު ދެއްވުމުގަ އާއި އެފަދަ ބައްދަލުވުންތަކާއި ހަފްލާތަކުގައި އިށީނދެވަޑައިގެން ތިއްބެވުމުގެ ތަރުތީބު ކަނޑައަޅުއްވާއިރު މިނިސްޓަރުންގެ ނާއިބުންނާ އެއް ފެންވަރުގައި ޕާމަނަންޓް ސެކްރެޓަރީންގެ މަގާމުގައި ތިއްބެވި ބޭފުޅުންނާމެދު ކަންކަން އިންތިޒާމު ކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައި ވެ އެވެ.
ޕީއެސް އިންނަކީ އެ މިނިސްޓްރީއެއްގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމާއި އެހީތެރިވެދީ، އެ މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ގާނޫނީ ގޮތުން ހަވާލުކޮށްފައިވާ ބޭފުޅުންނެވެ.
އެ މިނިސްޓްރީގެ މިނިސްޓަރެއްގެ ލަފާއާއެކު ޕީއެސް އިން އައްޔަން ކުރުމަށް ސިވިލް ސާވިސްގެ ގާނޫނަށް ރައްޔިތުންގެ މަޖިލިހުން ވަނީ މިދިޔަ ޖުލައި މަހު އިސްލާހު ގެނެސްފަ އެވެ.