17 ޖޫން 2021 - 23:47

ކަސްޓޯޑިއަލް ޖަލުތަކާބެހޭ ގަވާއިދުގެ ޑްރާފްޓަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމު) އިން 88 އިސްލާހެއް ހުށަހަޅައިފި އެވެ.
އެ ކޮމިޝަނުން ބުނީ ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓުން ތައްޔާރުކޮށް އިއްޔެ ފާސްކުރި އިސްލާހުތަކުގެ ތެރޭގައި، ޕޮލިސް ކަސްޓަޑީގައި ހައްޔަރުގައި ތިބޭ މީހުންނަށް ލިބޭ އަސާސީ ހިދުމަތާއި އިނާޔަތްތައް ތައާރުޒް ނުވާނެހެން ވަކި ހިދުމަތްތަކެއްގެ ގޮތުގައި ބަޔާންކުރުމާއި އެއްވެސް ހާލަތެއްގައި ގާނޫނު އަސާސީ އާއި ގާނޫނާއި ގަވައިދުތަކުން ލިބިދޭ އަސާސީ އެއްވެސް ހައްގެއް އުނި ނުކުރުމާއި މެދުކަނޑާނުލަން ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ އިތުރުން، ރިމާންޑް ޖަލަށް ބަދަލުކުރަންޖެހޭ ނަމަވެސް އެކި ސަބަބުތަކާހުރެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މީހުންނަށް ގާނޫނާ ގަވާއިދުތަކުން ކަށަވަރުކޮށްދީފައިވާ ބަންދު މީހުންނަށް ރިމާންޑް ޖަލުން ލިބިދޭންޖެހޭ އަސާސީ ހައްގުތަކާ އިނާޔަތްތައް ލިބިދެވޭކަން ކަށަވަރުކުރުމާއި ވީހާވެސް އަވަހަށް އެ އެފަދަ މީހުން ރިމާންޑް ޖަލަކަށް ބަދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އެޗްއާރުސީއެމުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެ މީހަކު ކުރާ ކުށުގެ ކުޑަބޮޑުމިނާއި ކުށުގެ ބާވަތަށް ބަލައި ގިންތިކޮށް ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން ވީހާ ވެސް ބޮޑަށް އެއްބަޔަކު އަނެއް ބައެއްގެ އަޑާއި ހަރަކާތްތައް ނުފެންނާނެ އަދި އެ މީހުންގެ އިންސާނީ ކަރާމާތް ނުގެއްލޭނެހެން ކަސްޓޯޑިއަލްގައި ބޭތިއްބުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެ ކޮމިޝަނުން އެދެ އެވެ.
އެޗްއާރުސީއެމުން ބުނީ ކަސްޓޯޑިއަލް ޖަލުގައި ބަންދުގައި ހުންނަ ހަމަ ކޮންމެ މީހަކަށް ވެސް ތަފާތުކުރުމެއްނެތި ލިބިދޭންޖެހޭ ހައްގުތަކާއި ހިމާޔަތާއި ރައްކާތެރިކަން އަދި އިނާޔަތް ލިބިދެވޭކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި މިފަދަ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މާބަނޑު މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ހައްގާއި އެކަށީގެންވާ ސިއްހީ ފަރުވާ ލިބުމުގެ ހައްގު ކަށަވަރުކޮށްދިނުން، އެޗްއާރުސީއެމުން ހުށަހެޅި އިސްލާހުތަކުގައި ވެ އެވެ.