17 ޖޫން 2021 - 23:24

ކޯޕަންހޭގަން (ޖޫން 17) ކެޕްޓަން ކެވިން ޑި ބްރޭނާ ބަަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ޑެންމާކުގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައި، ބެލްޖިއަމް ދެ ވަނަ ބުރަށް ގެންގޮސް ދީފި އެވެ.

މެޗު ފެށިގެން ދިޔައީ، ޑެންމާކުގެ ފުރަތަމަ މެޗުގައި ހާޓް އެޓޭކެއް ޖެހި ދަނޑު މައްޗަށް ވެއްޓުނު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ހަނދާން އާ ކުރަމުންނެވެ. މިދިޔަ ހޮނިހިރު ދުވަހު ޖެހުނު ހާޓް އެޓޭކަށް ފަހު އެރިކްސަންގެ ހާލު މިހާރު ރަނގަޅެވެ.
މެޗު ފަށައިގެން ދެ ވަނަ މިނެޓްގައި، ޑެންމާކުން ލީޑު ނެގި ލަނޑު ޔޫސުފް ޕޮލްސަން ކާމިޔާބުކުރީ ޕިއޭ އެމީލް ހޮޖްބިއާގް ދިން ޕާހަކުންނެވެ. އޭގެ ފަހުން މިކެލް ޑޮމްސްގާޑް ބޮލުން ފޮނުވާލި ބޯޅަ ނުރައްކާކޮށް ދިޔަނަމަވެސް ބެލްޖިއަމްގެ ކީޕަރު ޓިބޯ ކޯޓުއާ އެ ބޯޅަ ސޭވް ކުރީ ގޯލްލައިން މަތިންނެވެ.
ފުރަތަމަ ހާފު 1-0 އިން ފަހަތުގައި އޮވެގެން ނިންމާލި ބެލްޖިއަމް ދެ ވަނަ ހާފަށް ނުކުތީ ޓީމުގެ ތަރި ކެވިން ޑި ބްރޮއިނާ ކުޅެން އަރުވައިގެންނެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ނޭފަތަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޔޫރޯގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުގައި ރަޝިއާއާ ދެކޮޅަށް އޭނާ ކުޅެފައެއް ނުވެ އެވެ.
ބެލްޖިއަމް ކޮޅަށް މެޗުގެ ނަތީޖާ އެނބުރިގެން ދިޔައީ، ޑި ބްރޭނާ ކުޅެން ނުކުމެ ޓީމުގެ އެޓޭކްގައި ހިއްސާވާން ފެށުމުންނެވެ. ބެލްޖިއަމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު، 54 ވަނަ މިނެޓްގައި ޓޯގަން ހަޒާޑް ކާމިޔާބު ކުރީ ޑި ބްރޭނާ ދިން ޕާހުންނެވެ.
ބެލްޖިއަމަށް މެޗުގެ ލީޑު ނަގައިދިން ލަނޑަކީ، ރީތި ޕާސިން ކޮމްބިނޭޝަނެއް ފެނިގެން ދިޔަ ލަނޑެކެވެ. ބެލްޖިއަމްގެ އެ ހަމަލާގައި ޓޯގަން ހަޒާޑް ބޯޅަ ދިނީ އޭނާގެ ބޭބެ އެޑެން ހަޒާޑަށެވެ. ހަޒާޑް ބޯޅަ ދިނީ ޑި ބްރޭނާ ބޯޅައަށް އަރާނެކަން އެނގިގެންނެވެ. ހަޒާޑް ނަގައިދިން ބޯޅަ އޭރިއާ ބޭރުން ޑި ބްރޭނާ ފޮނުވާލީ ގޯލްގެ ތިރީ ކަނަށެވެ.
މެޗުގެ ފަހު ވަގުތު ޑެންމާކުން ލަނޑެއް ޖެހުމާ ވަރަށް ގާތަށް ޖެހިލި އެވެ. އެ ޓީމުގެ މާޓިން ބްރައިތުވެއިޓެ ފޮނުވާލި ހަމަލާއެއް ހުރަސް ދަނޑިއަށް ވެސް އަމާޒުވި އެވެ. މެޗުގެ އެންމެ ފަހު ވަގުތު ޑެންމާކަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ ކީޕަރު ކެޝްޕާ ޝުމައިކަލް ބެލްޖިއަމްގެ އޭރިއާ ހަމައަށް ދިޔަ އެވެ. ބެލްޖިއަމްގެ ކުޅުންތެރިން ބޯޅަ ދިފާއުކޮށް ކުރިއަށް އަރައި ތޯމަސް މެނިއާ ވަނީ ޑެންމާކްގެ ހާފުގެ ތެރެއަށް ވަދެ ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލަން ބޯޅަ ޖަހައިފަ އެވެ. އެހެންނަމަވެސް އެ ބޯޅަ ދިފާއުކޮށް ޑެންމާކުން ކޯނަރަކަށް ބޭރު ކޮށްލީ އެވެ.