17 ޖޫން 2021 - 23:29

ކޮވިޑް-19 އިން ހާހަކަށްވުރެ ގިނަ މީހުން ރަނގަޅުވެ ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދު 6،000 އަށް ދަށްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑުން 1،034 މީހުން ފަސޭހަވެފައިވާ ކަމަށެވެ. އެހެންވެ، އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 64،214 އަށް އަރައި އެކްޓިވް ކޭސްތައް ވެސް 6،930 އަށް ތިރިވެފައި ވެ އެވެ.
އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އާ ހަމައަށް 4،247 ސާމްޕަލް ޓެސްޓުކޮށްފައި ވެ އެވެ. އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 218 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 86 މީހަކާއި ރަށްރަށުން 116 މީހަކާއި ރިސޯޓުތަކުން 13 އަދި ތަރައްގީކުރަމުން އަންނަ ރަށްރަށުން ތިން މީހެކެވެ.
ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން މި ވަގުތު 67 މީހަކަށް ފަރުވާ ދެ އެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށްފަހު އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދަށްވާން ފަށައިފަ އެވެ. އެއާއެކު، ކޮވިޑުގައި މަރުވާ މީހުން ވެސް މަދުވެފައި ވެ އެވެ.
ބަލި ޖެހޭ މީހުން މަދުވާން ފެށުމާއެކު ފިޔަވަޅުތަކަށް ލުއިދޭން ފަށާފައި ވެ އެވެ. އެގޮތުން، ކާފިއުގެ ވަގުތު ހަވީރު 4:00 ން ފަތިހު 4:00 އަށް ބަދަލުކޮށްފައި ވެ އެވެ.