އުރީދޫ ފަސޭހަބްރޯޑްބޭންޑްގެ ބާކީ ޑޭޓާ އަނެއް މަހު ބޭނުންކުރެވޭ ގޮތް ހަދައި، އާ ޕްލޭންތަކެއް
އުރީދޫ ފަސޭހަބްރޯޑްބޭންޑްގެ ބާކީ ޑޭޓާ އަނެއް މަހު ބޭނުންކުރެވޭ ގޮތް ހަދައި، އާ ޕްލޭންތަކެއް

އުރީދޫގެ ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް މަހުގެ ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހަށް ބޭނުންކުރެވޭ ގޮތް ހަދައި އާ ޕްލޭންތަކެއް މިއަދު ތައާރަފުކޮށްފި އެވެ.

އުރީދޫން ބުނީ ޑޭޓާ ރޯލްވާ ހިދުމަތް ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ތައާރަފުކުރީ ކޮވިޑް-19އާ ގުޅިގެން އިންޓަނެޓު ބޭނުން ކުރަން ޖެހޭވަރު އިތުރުވެފައިވާތީ ކަމަށެވެ. މި ބަދަލާ އެކު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް މި ހިދުމަތް ލިބޭނެ އެވެ.

މި ހިދުމަތާ އެކު އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސަށް އެއްވެގެންދާނެ އެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުން މި ހިދުމަތް ހޯދަން ޕެކޭޖުގެ މުއްދަތު ހަމަވުމުގެ ކުރިން ޕެކޭޖު އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހު ވެސް ބޭނުންކުރެވޭނެ އެވެ.

ޑޭޓާ ރޯލް އޮޥާގެ ހިދުމަތާ އެކު އުރީދޫން ވަނީ އާ ދެ ޕްލޭނެއް ވެސް އެ ކުންފުނީގެ ފަސޭހަ ހޯމް ބްރޯޑް ބޭންޑު ކަސްޓަމަރުންނަށް ތައާރަފުކޮށްފަ އެވެ.

- ފަސޭހަ އެޗްބީބީ 60ޖީބީ: 799ރ. (60 ޖީބީ އެލަވެންސާއެކު 12 ޖީބީ އިތުރު ޑޭޓާ)

- ފަސޭހަ އެޗްބީބީ 500ޖީބީ: 3،549ރ. (500 ޖީބީ އެލަވެންސާއެކު 100 ޖީބީ އިތުރު ޑޭޓާ)

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ކަސްޠަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތަކަށް ބަދަލު ގެނައުމަށް ކަމަށެވެ.

"ޕެންޑެމިކާ ގުޅިގެން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ. ގެއިން މަސައްކަތްކުރުމާއި، ކިޔެވުމުގެ ކަންތައްތަކުގެ އިތުރުން އެހެނިހެން ކަންކަމުގައިވެސް ޑިޖިޓަލް ހިދުމަތްތަކަށް މިވަނީ ބަރޯސާވާންޖެހިފަ. އެހެން ކަމުން އަޅުގަނޑުމެންގެ މަގްސަދަކީ މި ބަދަލާއެކު އިންޓަނެޓްގެ ހިދުމަތް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުން،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫން ވަނީ ދާދި ފަހުން އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާގެ ތެރެއަށް ރޯލްވާގޮތް ހަދައިފަ އެވެ.