ލާމަރުކަޒީ ގާނޫނާ ފުށުއަރާ ހަ ގާނޫނެއް އިސްލާހުކުރަނީ
ލާމަރުކަޒީ ގާނޫނާ ފުށުއަރާ ހަ ގާނޫނެއް އިސްލާހުކުރަނީ

ލާމަރުކަޒީ ގާނޫނާ ފުށުއަރާ އެހެން ހަ ގާނޫނަކަށް އިސްލާހު ގެންނަން ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނީ ލާމަރުކަޒީ ގާނޫނަށް ގެނައި ނުވަ ވަނަ އިސްލާހަށް ޑިސެމްބަރު 23، 2020 ގައި އަމަލުކުރަން ފަށައި އެ އިސްލާހާ ފުށުއަރާ ގާނޫނުތައް ހަ މަސް ދުވަހުގެ ތެރޭގައި އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެފަދަ ގާނޫނުތަކަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ވަނީ ރައީސް އޮފީހަށް ފޮނުވައިފަ އެވެ.

އިސްލާހު ގެންނަން ނިންމާފައިވާ ގާނޫނުތަކަކީ؛

- ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނު

- ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު

- ރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު

- ރާއްޖޭގެ ބިމާބެހޭ ގާނޫނު

- ދައުލަތުގެ މާލިއްޔަތުގެ ގާނޫނު

- އެއްގަމު ދަތުރުފަތުރުގެ ގާނޫނު

ކައުންސިލްތައް ބަލަހައްޓާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނަޔަސް ޒިންމާތައް އަދާކުރުމުގައި ފުށުއަރާ ގާނޫނުތަކާއި ސިޔާސަތުތައް އެބަހުރި ކަމަށެވެ. އެކަންކަން ބަދަލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވިގޮތުގައި ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ބައިވަރު ބާރުތަކެއް ދީފައިވާއިރު، މާލިއްޔަތު ގާނޫނާއި ޓޫރިޒަމް ގާނޫނު ނުވަތަ ބިމުގެ ގާނޫނުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަވި ކަމަށެވެ. އަމަލީގޮތުން މަސައްކަތް ކުރުމުގައި ދަތިތައް ކުރިމަތިވާތީ އެ ޝަކުވާތައް ނުވަތަ ލަފާ ހޯދަން ކައުންސިލްތަކުން ގުޅާކަން ވެސް އަފްޝަން ފާހަގަކުރެއްވި އެވެ.

"ކިހިނެއްހެއްޔޭ މި ގާނޫނުގައި މިހެން އޮއްވައި ނޫނީ މި ގަވައިދުގައި މިހެން އޮއްވައި ކިހިނެއް ހެއްޔޭ ތިމަންނަމެންނަށް ހަވާލުކޮށްފައި އިން މިވެނި ކަމެއް ކުރާނީ. އެއީ އަޅުގަނޑުމެން ބަދަލުކުރަންޖެހޭ، އިސްލާހުކުރަންޖެހޭ ކަންތައްތައް. ވަރަށް އުފާކުރަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ދެއްވި ޕްރެޒެންޓޭޝަނެއްގައި ފާހަގަކުރެއްވި ފުށުއަރާ ދަތިތައް ހުރި ގާނޫނުތައް ވެސް. އެހެންވެ، އެ ބޭފުޅުންގެ ވެސް އެ ކަންތައްތަކުގެ މަސައްކަތް މިހާރު އޮތީ ފައްޓަވާފައި އަޅުގަނޑަށް ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވި އެވެ.