ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ އަށް ގަވަރުނަރު ހާޒިރުކޮށްފި
ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ އަށް ގަވަރުނަރު ހާޒިރުކޮށްފި

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭ ގޮތުން މަޖިލީހުން ހިންގާ އިންކުއަރީ އަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ހާޒިރުކޮށްފި އެވެ.

ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ އަށް ގަވަރުނަރު ހާޒިރުކޮށްފި
ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ އަށް ގަވަރުނަރު ހާޒިރުކޮށްފި

މަޖިލީހުގެ އިދާރާ އިން ބުނީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ އިންކުއަރީ އަށް ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އިބްރާހިމް އަހުމަދު ނަސީރު ހާޒިރުކޮށްފައިވާ ކަމަށެވެ.

މަރުކަޒީ ބޭންކުގެ އިސްވެރިން އިންކުއަރީ އަށް ހާޒިރުކުރިއިރު، ފުލުހުން އަންނަނީ މިިދިޔަ މަހުގެ ހައެއްގައި ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ. އޭގެ ތެރޭގައި އެ ހަމަލާ އަށް ބަޔަކު ފަންޑުކުރި ނަމަ އެ ބަޔަކު ހޯދުން ހިމެނެ އެވެ.

އެކަމާ ގުޅިގެން އެންމެ ފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވެސް ވިދާޅުވީ ނަޝީދަށް ހަމަލާދިނީ ބަޔަކު ފަންޑުކޮށްގެން ނަމަ އެކަން ހޯދޭނެ ކަމަށެވެ. އެ މަސައްކަތުގައި އެމެރިކާގެ ފަންނީ މާހިރެއްގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މައްސަލައިގެ ތަހުގީގުގައި އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް އާއި އެމެރިކާގެ މިކަމުގެ ފަންނީ މާހިރެއް އެހީ ވެސް އަންނަނީ ލިބެމުން. އަދި މި ތަހުގީގަށް ބޭނުންވާ ފޮރެންސިކް ތަހުލީލުތައް ކުރުމުގައި ވެސް އެ ފަރާތްތަކުގެ އެހީ އަންނަނީ ލިބެމުން،" މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ޝިފާއު ވިދާޅުވި އެވެ.

މަޖިލީހުގެ އިންކުއަރީއަށް ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ އިތުރުން، އެ ހަމަލާދިން ވަގުތު ނަޝީދުގެ އަރިހުގައި ތިބި ސެކިއުރިޓީ އޮފިސަރުން ހާޒިރުކޮށްފައި ވެ އެވެ.