17 ޖޫން 2021 - 14:05

ސީލައިފް މޯލްޑިވްސްއާ އެކު ހައުސިން ޔުނިޓް އެޅުމަށްވި ސަރުކާރުންވި އެއްބަސްވުން އުވާލީ ރަނގަޅަށް ނޫން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދެ ވަކީލަކު ދެ ފަހަރެއްގެމަތިން ރައީސް އޮފީހަށް ލަފާދިން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެއްބަސްވުން އުވާލި މައްސަލައާ ގުޅިގެން މިއަހަރުގެ 8 ފެބްރުއަރީގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދަށް ފޮނުއްވި ސިޓީއެއްގައިވާ ގޮތުން، ސީލައިފްގެ ފަރާތުން ވެސް އެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވެ އެވެ.
ރައީސް އޮފީހުގެ ސިޓީގައި ބުނެފައިވާ ގޮތުގައި، ސީލައިފް ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން އުވާލާފައި ވަނީ އެއްބަސްވުމާ ހިލާފަށް، އިންސާފުން ބޭރުން ކަމަށް ބުނެ އެ ކުންފުނިން ހުށަހަޅަމުންދިޔަ ޝަކުވާތަކާ ގުޅިގެން ކަމުގެ ހަގީގަތް ބަލައި، އިންސާފުވެރި ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރި އެވެ.
އޭގެ ތެރެއިން އެއްބަސްވުމުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެޗްޑީސީގެ ފަރާތުން ގާނޫނީ ދެ ވަކީލެއްގެ ލަފާ ދެ ފަހަރެއްގެ މަތިން ހޯދާފައިވާކަމަށް އެ ކުންފުނިން ރައީސް އޮފީހަށް އަންގާފައިވާ ކަމަށާއި އެ ލަފާގައި ބަޔާންކޮށްފައި ވަނީ އެ ކުންފުނިން އެއްބަސްވުން އުވާލުމަށް ނިންމީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސީލައިފް ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ފުރުސަތު ކުންފުންޏަށް އޮތް ކަމަށް އެ ލަފާގައިވާ ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ދައުލަތަށް އެންމެ ފައިދާ ހުރި ގޮތަކަށް ހައްލު ހޯދުމަށް ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފާގެ މަތިން އެކި ފަހަރު މަޝްވަރާކޮށް، ގޮތްތަކެއް ނިންމި ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އަދި އެމައްސަލައިގައި ވަކި ގޮތަކަށް ނުނިމޭތީ އެޗްޑީސީއާ ރައީސްއާ ވެސް ބައްދަލުކުރެއްވި އެވެ.
ރައީސް އޮފީހުން އެޗްޑީީސީއަށް އެންގީ މިދިޔަ ފެބްރުއަރީ 14 ގެ ކުރިން އެ މައްސަލަ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައިގެން ބޯޑުން ނިންމާ ގޮތެއް އެންގުމެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓު އިމާރާތް ކުރުމަށް ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނަގާފައި ވެ އެވެ. އަދި މިކަމުގައި ގެއްލުންވި މީހުންނަށް ވަނީ ރައީސް އޮފީސް މެދުވެރިވެގެން ބަދަލު ވެސް ދީފަ އެވެ.
މަސައްކަތް ނުކޮށް އަދި ފައިސާ ވެސް އަނބުރާ ނުދިން މައްސަލަ ބޮޑުވެ، ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ހައްޔަރުކުރީ ވެސް މިގޮތަށް މުއާމަލާތްތައް ކޮށްފައި ވަނިކޮށެވެ. އަންމަޓީ ހައްޔަރުކޮށް ގިނަ ދައުވާތަކެއް ވަނީ ކޮށްފަ އެވެ. އޭނާ އަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ބަންދުގައި ބެހެއްޓުމަށް ފަހު ކޯޓުން މިއަދު ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރު އެޗްޑީސީން އިއުލާނުކުރި މަޝްރޫއެއްގައި ސީ ލައިފާ ހަވާލުކުރި ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނުކޮށް ފައިސާ ނެގި ނަމަވެސް އެޗްޑީސީ މެދުވެރިކޮށް އެމީހުންނަށް ފައިސާ އަނބުރާ ހަވާލުކުރި އެވެ.