17 ޖޫން 2021 - 11:59

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ޖެނީވާގައި ތިން ގަޑިއިރު ވަންދެން ބައްދަލުކުރައްވާފައި ނުކުންނެވި އިރު، ބައިނަލްއަގުވާމީ މުޖުތަމައާ ގުޅުން ހުރި ނަތީޖާއެއް ހާސިލުވާ ގޮތެއް ނުވި އެވެ.
މިދިޔަ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ބައިޑެން، އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ޕުޓިންއާ ބައްދަލުކުރެއްވި އިރު، ދެ ބޭފުޅުންގެ ވާހަކަތަކަށް ތިން ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި އެވެ. ބައްދަލުވުން ނިންމަވައިލެއްވީ، ދެ ގައުމުގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމުގެ ވާހަކަތަކެއްގެ ތެރެއިންނެވެ.
ދެ ބޭފުޅުންގެ ބައްދަލުވުމުގައި އެއްބަސްވެވުނު ކަންކަމުގެ ތެރޭގައި ހިމެނެނީ، ހަތިޔާރުގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ވާހަކަތައް އަލުން ފެށުމާއި، އެއް ގައުމުން އަނެއް ގައުމަށް ކަނޑައަޅާފައި ތިއްބެވި ސަފީރުން، އަނެއް ގައުމަށް އަލުން ފޮނުއްވުމެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ދެބަސްވުން އުފެދިފައިވާ ކަންކަމާ މެދުގައި ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންސާނީ ހައްގުތަކުގެ މައްސަލަތަކާއި، ސައިބާ ހަމަލާތަކުގެ މައްސަލައާއި އެމެރިކާގެ ރިއާސީ އިންތިހާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވިކަމަށް، އެމެރިކާއިން ތުހުމަތުކުރާ މައްސަލަ އާއި ޔޫކްރޭންގެ ދާހިލީ ކަންކަމަށް ރަޝިޔާ އިން ނުފޫޒު ފޯރުވާ މައްސަލަ އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާ ގުޅޭ ގޮތުން ދެ ބޭފުޅުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވެ އެވެ.
ދެ ރައީސުންގެ ބައްދަލުވުން ސިފަ ކުރައްވަމުން ބައިޑެން ވިދާޅުވީ "އީޖާބީ" ބައްދަލުވުމެއް ކަމަށެވެ. ޕުޓިން ސިފަކުރެއްވި ގޮތުގައި އެއީ އެއްވެސް ދެކޮޅުވެރިކަމެއް ނެތް ވަރަށް ބިނާކުރަނިވި ބައްދަލުވުމެކެވެ.
ދެ ބޭފުޅުންގެ ބައްދަލުވުމަށް ފަހު، ދެ ބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރެއްވީ ވަކިވަކިންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބައިޑެން ވިދާޅުވީ ޕުޓިންއާ އެކު ބޭއްވި މަޝްވަރާތަކުގައި، ޕުޓިން އަށް އެއްވެސް އިންޒާރެއް ނުދެއްވާ ކަމަށެވެ. ނަމަވެސް އެމެރިކާގެ މަސްލަހަތުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރެއިން ސައިބަ ސެކިއުރިޓީއާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ކަމަށާއި، އެމެރިކާ އިން ކަންބޮޑުވާ ކަންތަކަށް ރަޝިޔާއިން ފަރުވާލެއް ނުބަހައްޓައިފި ނަމަ، އެމެރިކާ އިން އެކަމަށް ރައްދު ދޭނެކަން ޕުޓިން އަށް ދެންނެވި ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕުޓިން ދެއްކެވި ވާހަކައިގައި، ބައިޑެންގެ ތުހުމަތުތަކަށް އިންކާރު ކުރެއްވި އެވެ. އެ ގޮތުން ރަޝިޔާގައި ޖަލަށް ލާފައި ހުރި އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ މައްސަލަ އާއި ޔޫކްރޭންގެ އިމާ ގާތަށް ރަޝިޔާ ސިފައިން ޖަމާކުރާ މައްސަލަ އާއި އެމެރިކާއަށް ދިން ސައިބާ ހަމަލާތަކުގެ މައްސަލައަށް ޕުޓިން މާ ބޮޑު ސަމާލުކަމެއް ނުދެއްވި އެވެ.
ޕުޓިން ވިދާޅުވީ އެމެރިކާ އޮތީ، ހައްގުތަކާ ބެހޭ ގޮތުން ރަޝިޔާ އަށް ކަންކަން ބުނެދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން ޕުޓިން ފާހަގަކުރެއްވީ، އެމެރިކާގައި ކަޅު ނަސްލުގެ މީހުންނާ މެދު މުއާމަލާތު ކުރަމުން އަންނަ ގޮތެވެ.
"އަހަރެމެންނަށް އެމެރިކާ އިން ފެންނަނީ އިންތިޒާމު ގެއްލުމާއި، ހަމަނުޖެހުން އަދި ގާނޫނު މުގުރަމުން ދާ މަންޒަރާ އެފަދަ ކިތަންމެ ކަމެއް. އެމެރިކާއަށްޓަކައި އަހަރެމެން ހަމްދަރުދީވަން. އެކަމަކު އަހަރެމެންގެ ސަރަހައްދީ އިމުގެ ތެރޭގައި އެފަދަ ކަންކަން ހިނގާކަށް އަހަރެމެން ބޭނުމެއް ނޫން. އަދި އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ޕުޓިން ވިދާޅުވި އެވެ.
ދެ ބޭފުޅުން ޖެނީވާގައި ބައްދަލުކުރެއްވި އިރު، ޔޫކްރެއިންގެ ކްރިމިއާ އަކީ ރަޝިޔާގެ ބައެއް ކަމަށް، 2014 ވަނަ އަހަރު ރަޝިޔާއިން ނިންމުމާ ގުޅިގެން، އެމެރިކާ އާއި ރަޝިޔާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އޭގެ ފަހުން، ސީރިޔާގެ ދާހިލީ ހަނގުރާމައިގައި، ސީރިޔާ ސަރުކާރު ސިފައިންނަށް، 2015 ވަނަ އަހަރުން ފެށިގެން ރަޝިޔާއިން އެހީތެރިވުމާއި، 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިއާސީ އިންތިހާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް އެމެރިކާ އިން ކުރާ ތުހުމަތުތަކާ ގުޅިގެން، ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވި އެވެ.
އެއަށް ވުރެ ބޮޑަށް ދެ ގައުމުގެ ގުޅުން ހީނަރުވީ، ރައީސް ޕުޓިންއަކީ ގާތިލެއް ކަމަށް ގަބޫލުކުރައްވާ ކަމަށް، މިދިޔަ މާޗް މަހުގެ ތެރޭގައި ރައީސް ބައިޑެން ވިދާޅުވުމާ ގުޅިގެންނެވެ. ބައިޑެންގެ އެ ތުހުމަތާ ގުޅިގެން، އެމެރިކާގައި ހުންނަވާ ރަޝިޔާގެ ސަފީރު ވަނީ އަނބުރާ ރަޝިޔާ އަށް ގެންދަވައިފަ އެވެ. އަދި ރަޝިޔާގައި ހުންނަވާ އެމެރިކާ ސަފީރު، މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވަނީ އަނބުރާ އެމެރިކާ އަށް ގެންދަވައިފަ އެވެ.
އޭގެ ފަހުން ދެ ގައުމުން ކުރެ އެއްވެސް ގައުމެއްގެ ސަފީރު އަނެއް ގައުމަކަށް ނުފޮނުވަ އެވެ.