17 ޖޫން 2021 - 13:06

"ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުން މަހުން މަހަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް ދައްކަން ޖެހޭ ފައިސާ ދެއްކުން ތިން މަހަށް ފަސް ކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އަންގާރަ ދުވަހު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ގިނަ އާއިލާތަކަކަށް މާލީ ގޮންޖެހުންތައް ކުރިމަތިވެފައިވާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ފައިސާ ދެއްކުން ތިން މަހަށް ފަސް ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
"ސަރުކާރުން ހަވާލުކޮށްފައިވާ ކޮންޓްރެކްޓްގެ ދަށުން އެތަންތަނުގައި ދިރިއުޅޭ ރައްޔިތުން އެޗްޑީއެފްސީއަށް ލާރި ދައްކަމުން ގެންދާ. އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ އިތުރަށް އަދި ތިން މަހަށް އެ ބޭފުޅުން މަހުން މަހަށް ދައްކަން ޖެހޭ މިންވަރު ލަސްކުރުމަށް،" އަސްލަމް ވިދާޅުވި އެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ހެދި، އާންމުންނަށް ކުރިމަތިވި މާލީ ގޮންޖެހުންތަކާ ގުޅިގެން ހައުސިން މިނިސްޓްރީން ވަނީ ގެދޮރުވެރިކަން ޕްރޮގްރާމުގެ ދަށުން ދޫކުރި 704 ފްލެޓާއި ސަރުކާރުން ހަވާލުކޮށްފައިވާ ކޮންޓްރެކްޓްގެ ދަށުން ރަށްރަށުގައި އެޅި ހައުސިން ޔުނިޓްތަކުގައި އުޅޭ މީހުންނަށް މީގެ ކުރިން ވެސް އެއް ފަހަރު މަހު ކުލި ދެއްކުން ފަސްކޮށްދީފަ އެވެ. އެއީ މިދިޔަ އަހަރު ކޮވިޑާ ގުޅިގެން ލޮކްޑައުން ކުރިއިރު އެވެ.