އިޒްރޭލާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށަން ހުއްދައެއް ނުދެން: ޓްރާންސްޕޯޓް
އިޒްރޭލާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށަން ހުއްދައެއް ނުދެން: ޓްރާންސްޕޯޓް

އިޒްރޭލާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށަން އެއްވެސް އެއާލައިނަކަށް ހުއްދަ ދީފައި ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށަން އުޅޭ ކަމަށްބުނެ ދެކެވެނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށާއި އެކަމާ ވިސްނާފައި ވެސް ނުވާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ބުނީ އިޒްރޭލާއި ރާއްޖެއާ ދެމެދު ސިދާ ދަތުރުތައް ފަށާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކުރުމުންނެވެ. އިޒްރޭލުގެ ބައެއް މީޑިއާތަކުގައި ވެސް ވަނީ ސީދާ ދަތުރުތައް ފަށާ ކަމަށް ރިޕޯޓް ކޮށްފަ އެވެ.

އިޒްރޭލުގެ ނޫހެއްގައި ބުނެފައިވާގޮތުގައި މި ދަތުރުތައް ފަށަނީ އެއާ ސީޝެލްސް އިންނެވެ. އެ އެއާލައިނުން މިހާރު ވެސް ގިނަ އަދަދެއްގެ އިޒްރޭލުގެ ޓޫރިސްޓުން ރާއްޖެއަށް ދަތުރުކުރެ އެވެ. ނަމަވެސް މިހާރު އިޒްރޭލުގެ ޓޫރިސްޓުން ރާއްޖެ އަންނަނީ ސީޝެލްސް އިން ނުވަތަ ދުބާއީއިންނެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދޭ ހަމަލާތަކާ ގުޅިގެން ރާއްޖޭން ވަނީ 2014 ވަނަ އަހަރު އެ ގައުމާ ހުރިހާ ގުޅުމެއް ކަނޑާލައިފަ އެވެ.