17 ޖޫން 2021 - 10:46

މާލޭ ވިޔަފާރިވެރިންގެ މިސްކިތުގައި މަސްތުވެގެން ހުރި މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 1:30 ހާއިރު، މަސްތުގެ ހާލަތުގައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 34 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވެސް ވިޔަފާރިވެރިންގެ މިސްކިތުން މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ކޮވިޑް-19 ފެތުރޭތީ، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައި ވަނިކޮށް މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް، އެތަންތަނުގައި އެ މީހުން ނިދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެމީހުން މިސްކިތުގެ ހުރުމަތް ކަނޑަމުން އަންނައިރު ހަތިމުގައި މަސްތުވާތަކެތި ފޮރުވާކަމުގެ ޝަކުވާ ވެސް ބޮޑެވެ.
ފުލުހުން ބުނެފައިވަނީ ކޮންމެ ރެއަކު ވެސް މިސްކިތްތައް ބަލައި ހުރުމަތް ކެނޑޭ ގޮތަށް އެ ތަންތަން ބޭނުންކުރާ މީހުން ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހިއްޖެ ނަމަ އެގޮތަށް ގެންގޮސްގެން މައްސަލަ ތަހުގީގުކުރާ ކަމަށެވެ.