މަންމަ މަރާލައިގެން ކައިލި މީހަކު ޖަލަށް
މަންމަ މަރާލައިގެން ކައިލި މީހަކު ޖަލަށް

އަމިއްލަ އަތުން މަންމަ މަރާލައިގެން، ދުވަސްތަކެއް ވަންދެން މަންމަގެ މަސްތައް ކޭ މީހަކު 15 އަހަރާއި ފަސް މަހަށް ޖަލަށް ލުމަށް ސްޕޭންގެ ކޯޓަކުން އިއްޔެ ހުކުމް ކޮށްފި އެވެ.

އަލްބާޓޯ ސަންޗޭޒް ގޯމޭޒް ނަމަކަށް ކިޔާ ސްޕޭންގެ އެމީހާ 15 އަހަރަށް ޖަލަށް ލާން ހުކުމްކުރީ، 2019 ވަނަ އަހަރުގެ ތެރޭގައި، ވެރިރަށް މެޑްރިޑްގައި ދެމައިން އުޅުނު އެޕާޓްމެންޓް ތެރޭގައި މަންމައާ ދެމެދު ހިނގި ޒުވާބަކަށް ފަހު މަންމަ މަރައިލި މައްސަލައިގަ އެވެ. އޭގެ އިތުރުން މަންމަގެ ގަބުރު ބުރިބުރިކޮށް އެކި ދުވަސްމަތިން ކެއުމުގެ ސަބަބުން، މަރުވެފައިވާ މީހެއްގެ ހުރުމަތް ކެނޑުމުގެ ކުށުގައި ފަސް މަހަށް ޖަލަށް ލުމަށެވެ.

އޭގެ އިތުރުން، މަންމަގެ މަރުގެ ބަދަލުގައި، އަލްބާޓޯގެ ކޮއްކޮއަށް 73000 ޑޮލަރު ދިނުމަށް ވެސް އަލްބާޓޯގެ މައްޗަށް ކޯޓުން ހުކުމް ކުރި އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި މިހުކުމްތަކަށް އޭނާގެ ދިފާއީ ވަކީލުން ދެކޮޅު ހަދަ އެވެ. ވަކީލުން ބުނާ ގޮތުގައި އަލްބާޓޯ އަކީ ސިކުނޑީގެ އުނިކަން ހުންނަ މީހެކެވެ.

މެޑްރިޑްގެ ޕްރޮވިންޝަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވާ ގޮތުގައި، އުމުރުން 18 އަހަރުގެ އަލްބާޓޯ އޭނާގެ މަންމަގެ ހަށިގަނޑުގެ ބައިތައް، 15 ދުވަސް ވަންދެން ކެއެވެ. މަންމަ މަރައިލުމަށް ފަހު، ލަކުޑި ކީހާ ކަރަންޓު ކީހަކާއި ބަދިގޭގައި ބޭނުންކުރާ ޒާތުގެ ދެ ވަޅިން މަންމަގެ ހަށިގަނޑު ބުރިބުރިކޮށްލުމަށް ފަހު، އޭގެ އެއްބައި ގޭގައި ހުރި އައިސްއަލަމާރީގައި ރައްކާކުރީ އެވެ. އަދި ބާކިވި ބައިތައް ރަބަރު ކޮތަޅުތަކެއްގައި ގޮނޑަށް އުކައިލީ އެވެ.

އަލްބާޓޯގެ މަންމަ ނުފެންނަތާ ގިނަ ދުވަސްވެގެން، އަވައްޓެރިން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ފުލުހުން އެ ގެއަށް ގޮސް ބަލައި ފާސްކުރި އިރު، މަންމަގެ ހަށިގަނޑުގެ ބައެއް ބައިތައް ފެނުނީ، އައިސްއަލަމާރީގައި ތަރުކާރީ ރައްކާކުރާ ބައިގެ ތެރެއިންނެވެ.

މި ހާދިސާއާ ގުޅިގެން އަލްބާޓޯއަށް، އޭނާ ދިރިއުޅޭ ލަސް ވެންޓާސް އަވަށުގެ މީހުން މިހާރު މުހާތަބު ކުރަމުން އަންނަނީ "ލަސް ވެންޓާސްގެ މިނިކާމީހާ"ގެ ނަމުންނެވެ.