17 ޖޫން 2021 - 12:33

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ ތަރައްގީކުރަމުން އަންނަ "ރީތިގަސް" ހައުސިން ޕްރޮޖެކްޓުގައި ހަދާ ތިން ޓަވަރުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރު ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ހުޅުމާލޭ ފުރަތަމަ ފޭސްގައި ކުރިއަށް ގެންދާ، ރީތިގަސް ހައުސިން ޕްރޮޖެކްޓަކީ އެއް ކޮޓަރި، ދެ ކޮޓަރި، ތިން ކޮޓަރި އަދި ހަތަރު ކޮޓަރި ހިމެނޭ ގޮތަށް 459 އެޕާޓްމަންޓް ތަރައްގީކުރަމުން އަންނަ ޕްރޮޖެކްޓެކެވެ.
އެޗްޑީސީން ބުނި ގޮތުގައި މަޑުޖެހުމަކަށް ފަހު، ކޮންޓްރެކްޓަރުން މި އަހަރުގެ ކުރީކޮޅު އެ ޕްރޮޖެކްޓް ފަށާފައިވާ ކަމަށެވެ. ޖުމްލަ ތިން ޓަވަރު ހިމެނޭ ގޮތަށް މި ޕްރޮޖެކްޓް ކުރިއަށް ގެންދާއިރު އެޗްޑީސީން ބުނީ މަސައްކަތް ކުރިއަށް ގެންދާނީ ފަހަރަކު ޓަވަރެއްގެ ކަމަށެވެ. އަދި ފުރަތަމަ ޓަވަރުގެ މަސައްކަތް އަންނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާ ކުރެ އެވެ. ދެވަނަ ޓަވަރު، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އަދި ތިން ވަނަ ޓަވަރުގެ މަސަައްކަތް ޖެނުއަރީ 2024 ގައި ނިމޭނެ ކަމަށް ވެސް އެޗްޑީސީން ލަފާކުރެ އެވެ.
މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުމާލޭގައި ފްލެޓް އެޅުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީކުރަމުން އަންނަ ވިނަރެސް ފްލެޓްތައް ވެސް އަންނަ އަހަރު ނިމޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.