ސްވިޒަލެންޑް ބަލިކޮށް ދެވަނަ ބުރުގެ ފުރަތަމަ ޖާގަ އިޓަލީއަށް
ސްވިޒަލެންޑް ބަލިކޮށް ދެވަނަ ބުރުގެ ފުރަތަމަ ޖާގަ އިޓަލީއަށް

ސްވިޒަލޭންޑްގެ މައްޗަށް 3-0 ގެ ނަތީޖާއަކުން މޮޅުވެ، ޔޫރޯގެ ދެ ވަނަ ބުރުން އިޓަލީ ޖާގަ ހޯދައިފި އެވެ.

ސްވިޒަލެންޑް ބަލިކޮށް ދެވަނަ ބުރުގެ ފުރަތަމަ ޖާގަ އިޓަލީއަށް
ސްވިޒަލެންޑް ބަލިކޮށް ދެވަނަ ބުރުގެ ފުރަތަމަ ޖާގަ އިޓަލީއަށް

އިޓަލީއަކީ މިފަހަރުގެ ޔޫރޯގައި ދެ ވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމެވެ.

ފުރަތަމަ ލަނޑު މެނުއަލް ލޮކަޓެލީ ކާމިޔާބު ކުރީ 26 ވަނަ މިނެޓްގަ އެވެ. ޑޮމިނިކޯ ބެރާޑީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ލޮކަޓެލީ ވަނީ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

ދެ ވަނަ ހާފުގަައި އިޓަލީ ކުޅެމުން ގެންދިޔައީ، ޕޮޒޮޝަން ހިފަހައްޓައިގެން ގިނަ އިރު ބޯޅަ އަމިއްލަ ޓީމު އަތުގައި ކޮންޓްރޯލް ކޮށްގެން ކުޅުމުގެ ވިސްނުމެއްގަ އެވެ. ލަނޑެއް ޖެހުމަށް ކެތް މަަދުވެފައި ތިބި ސްވިޒަލޭންޑްގެ ކުޅުންތެރިން ކުރިއަށް އަރާ ވަގުތު، އިޓަލީ ޕާސްތައް އުފައްދައިގެން ހަމަލާ އުފައްދަން މަސައްކަތް ކުރި އެވެ.

ލޮކަޓެލީ، ދެ ވަނަ ލނޑު 51 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިޓަލީން ގިނަ ޕާސްތަކެއް އުފައްދައިގެން ތަނަވަސް ކުރި ފުރުސަތަކުންނެވެ. އޭރިއާގެ ބޭރުގައި ހުރެފައި ލޮކަޓެލީ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ސްވިޒަލެންޑްގެ ގޯލަށް ވަންއިރު އެ ޓީމުގެ ކީޕަރު ޔޭން ސޮމާ ހުރީ ބަލަހައްޓައިގެންނެވެ. ބޯޅަ ގޯލަށް ވަންނާނެ ކަމެއް އޭނާ ހިއެއްނުކުރެ އެވެ.

ތިން ވަނަ ލަނޑު 89 ވަނަ މިނެޓްގައި ޗީރޯ އިމްމޯބިލޭ ކާމިޔާބު ކުރީވެސް އޭރިއާގެ ބޭރުން ފޮނުވާލި ބޯޅައިންނެވެ. އެ ބޯޅަ ސަލާމަތް ކުރަން ކީޕަރު ސޮމާ މަސައްކަތް ކުރިނަމަވެސް އޭނާގެ އަތުގައި ލައްވައި ނުލައި ބޯޅަ ވަނީ ގޯލްގެ ކަނަށެވެ.

މެޗުގެ 18 ވަނަ މިނެޓްގައި އިޓަލީ ނެގި ކޯނަރަކުން ޖޯޖިއޯ ކިއަލީނީ ލަނޑު ޖަހައި އުފާފާޅު ކުރި އެވެ. އެހެންނަމަވެސް ވީއޭއާރުން ބެލުމުން އެނގުނީ ލަނޑު ޖެހުމުގެ ކުރިން އޭނާގެ އަތުގައި ބޯޅައިން ޖެހިފައިވާ ކަމަށެވެ. އެހެންވެ ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ.

އޭގެ ހަތަރު މިނެޓް ފަހުން، ފަލަމަސް ގަނޑަށް ލިބުނު އަނިޔާއެއްގައި ކިއަލީނީ ބަދަލު ކުރި އެވެ.

މެޗުގެ 76 ވަނަ މިނެޓްގައި އިމްމޯބިލޭއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ފެޑްރީކޯ ކިއޭޒާ ދިން ފުރުސަތުގައި އޭރިއާގެ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސްކޮށް ބޭރަށެވެ.