ޕުޓިން އާއި ބައިޑެން އުންމީދެއް ނެތް ބައްދަލުވުމެއްގައި
ޕުޓިން އާއި ބައިޑެން އުންމީދެއް ނެތް ބައްދަލުވުމެއްގައި

އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އިންޒާރުތައް ދެއްވަމުން ވަޑައިގެން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން، އެންމެ ފަހުން ޖެނީވާގައި މިއަދު ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލުވުމުގައި، ދެ ބޭފުޅުންގެ މެދުގައި މާ އުންމީދީ ކަންކަމަށް އެއްބަސް ނުވެވުނަސް، ދެ ގައުމުގެ ދެމެދުގައި ހުރި ކަންބޮޑުވުންތައް، އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ހިއްސާ ކުރައްވާނެ އެވެ.

ޕުޓިން އާއި ބައިޑެން އުންމީދެއް ނެތް ބައްދަލުވުމެއްގައި
ޕުޓިން އާއި ބައިޑެން އުންމީދެއް ނެތް ބައްދަލުވުމެއްގައި

މިދިޔަ ހަފުތާ ބަންދުގައި އިނގިރޭސި ވިލާތުގައި އޮތް ޖީ-7ގެ މަހާސިންތާގަ އާއި، މިދިޔަ އަންގާރަ ދުވަހު ބްރަސެލްސްގައި އޮތް ނޭޓޯގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް، މިމަހުގެ 9 ވަނަ ދުވަހު އެމެރިކާ އިން ފުރާވަޑައިގަންނަވަމުން ބައިޑެން ވަނީ، ގެއްލުން ދެނިވި ކަންކަމުގައި ރަޝިޔާ ބައިވެރިވާ ނަމަ، ވަރުގަދަ ހިތި ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ، ރަޝިޔާ އަށް އިންޒާރު ދެއްވައިފަ އެވެ.

ޖެނީވާ އަށް ވަޑައިގެން، ސްވިޒަލޭންޑްގެ ރައީސް ގާއި ޕާމެލިންގެ ހާޒިރުގައި، ނޫސްވެރިންގެ ކުރިމަތީ ދެ ބޭފުޅުން ވަނީ އަތާ އަތް ޖޯޑުކުރައްވައި ސަލާމް ކުރައްވައިފަ އެވެ. ދެ ބޭފުޅުންގެ ރަސްމީ ވާހަކަތައް ދިޔައީ، ސިއްރު ބައްދަލުވުމެއްގެ ގޮތުގަ އެވެ.

މީގެ ކުރިން އެމެރިކާ އާއި ރަޝިޔާގެ ރައީސުންގެ ބައްދަލުވުންތަކުގައި އޮންނަ އާންމު އުސޫލުން، ބައިޑެން އާއި ޕުޓިންގެ ބައްދަލުވުމުގައި، ދެ ބޭފުޅުން އެކުގައި ބައިވެރިވެވަޑައިގަންނަވާ ފަރިއްކޮޅެއް ނޯންނާނެ އެވެ. އަދި ބައްދަލުކުރެއްވުމަށް ފަހު، ދެ ބޭފުޅުން އެކުގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމެއް ވެސް، އަދި ދެ ބޭފުޅުން އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމެއް ވެސް ނޯންނާނެ އެވެ.

ބައްދަލުވުން ފެށުމުގެ ކުރިން ނޫސްވެރިންގެ ކުރިމަތީ ފޮޓޯއަކަށް ހުއްޓި ތިއްބަވައި ދެއްކެވި ކުރު ވާހަކަކޮޅުގައި ޕުޓިން ވިދާޅުވީ "އުފެއްދުންތެރި" ބައްދަލުވުމަކަށް އުންމީދު ކުރައްވާ ކަމަށެވެ. ބައިޑެން ވިދާޅުވީ "ހަތަރު ކަޅި ހަމަވާ ގޮތަށް ބައްދަލުކުރުމަކީ އަބަދުވެސް އެންމެ ރަނގަޅު ގޮތް" ކަމަށެވެ.

ދެ ބޭފުޅުން ވެސް މި ބައްދަލުވުމުން ރަނގަޅު ނަތީޖާއަކަށް އުންމީދު ކުރެއްވި ނަމަވެސް، އެއްވެސް ކަމެއްގައި ދެ ބޭފުޅުންގެ މެދުގައި އެއްގޮތް ވިސްނުމެއް ނެތެވެ. ހަތިޔާރުގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ މައްސަލަ އާއި ސައިބާ ހެކް ކުރުމުގެ މައްސަލަ އާއި އެމެރިކާގެ ރިއާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތަކާއި، ރަޝިޔާ އިން ޔޫކްރޭންގެ ދާހިލީ ކަންކަމާ ބެހުމުގެ މައްސަލައިގައި ވެސް ދެ ބޭފުޅުންގެ ވިސްނުމާއި ސިޔާސަތު އުޑާއި ބިމާހާ ތަފާތެވެ.

"މި ބައްދަލުވުމުން މާ ބޮޑު ނަތީޖާތަކެއް ނެރެވޭނެ ކަމަށް އަހަރެމެން އިންތިޒާރެއް ނުކުރަން،" އެމެރިކާގެ ރައީސް ބައިޑެންގެ ދަތުރުފުޅުގައި ބައިވެރިވާ އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"އެއްވެސް އެއްބަސްވުމަކަށް ވަޑައިގެންނެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް،" ރައީސް ޕުޓިންގެ ހާރިޖީ ސިޔާސަތާ ބެހޭ އެޑްވައިޒަރު ޔޫރީ ޔުޝަކޯވް ވިދާޅުވި އެވެ.

ދެ ބޭފުޅުން ޖެނީވާގައި ބައްދަލުކުރެއްވި އިރު، ޔޫކްރެއިންގެ ކްރިމިއާ އަކީ ރަޝިޔާގެ ބައެއް ކަމަށް، 2014 ވަނަ އަހަރު ރަޝިޔާއިން ނިންމުމާ ގުޅިގެން، އެމެރިކާ އާއި ރަޝިޔާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އޭގެ ފަހުން، ސީރިޔާގެ ދާހިލީ ހަނގުރާމައިގައި، ސީރިޔާ ސަރުކާރު ސިފައިންނަށް، 2015 ވަނަ އަހަރުން ފެށިގެން ރަޝިޔާއިން އެހީތެރިވުމާއި، 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިއާސީ އިންތިހާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް އެމެރިކާ އިން ކުރާ ތުހުމަތުތަކާ ގުޅިގެން، ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވި އެވެ.

އެއަށް ވުރެ ބޮޑަށް ދެ ގައުމުގެ ގުޅުން ހީނަރުވީ، ރައީސް ޕުޓިންއަކީ ގާތިލެއް ކަމަށް ގަބޫލުކުރައްވާ ކަމަށް، މިދިޔަ މާޗް މަހުގެ ތެރޭގައި ރައީސް ބައިޑެން ވިދާޅުވުމާ ގުޅިގެންނެވެ. ބައިޑެންގެ އެ ތުހުމަތާ ގުޅިގެން، އެމެރިކާގައި ހުންނަވާ ރަޝިޔާގެ ސަފީރު ވަނީ އަނބުރާ ރަޝިޔާ އަށް ގެންދަވައިފަ އެވެ. އަދި ރަޝިޔާގައި ހުންނަވާ އެމެރިކާ ސަފީރު، މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވަނީ އަނބުރާ އެމެރިކާ އަށް ގެންދަވައިފަ އެވެ. އޭގެ ފަހުން ދެ ގައުމުން ކުރެ އެއްވެސް ގައުމެއްގެ ސަފީރު އަނެއް ގައުމަކަށް ނުފޮނުވަ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، ޕުޓިން އާއި ބައިޑެން ބައްދަލުވުމަށް ވަދެވަޑައިގެންނެވި އިރު، ދެ ބޭފުޅުންގެ މޫނުފުޅުން ފާޅުވި އިޝާރާތްތަކަށް ބަލާއިރު، މާ އޮއްޓަރެއް ހުރި ބައްދަލުވުމަކަށް ވާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް މީގެ ކުރިން ޖީ-7ގެ މަހާސިންތާގަ އާއި ނޭޓޯގެ މަހާސިންތާގައި ވެސް މަޝްވަރާ ކުރި މުހިންމު ކަންކަމުގެ ތެރެއިން ދެ ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަންކަމާ މެދު ކޮންމެވެސް މިންވަރަކަށް އެއްބަސްވާނެ ކަމަށް ބެލެވެ އެވެ.

އެ ކަންކަމުގެ ތެރޭގައި ހިމެނެނީ، އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލަ އާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ނުވަތަ ހަތިޔާރުގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ މައްސަލަ އެވެ.