އެއް ކޮޓަރީގެ ފްލެޓްތައް ގެއްލުނު މީހުންނަށް އިތުރު ގޮތެއް ހޯދައިދޭންޖެހޭ: މުއިއްޒު
އެއް ކޮޓަރީގެ ފްލެޓްތައް ގެއްލުނު މީހުންނަށް އިތުރު ގޮތެއް ހޯދައިދޭންޖެހޭ: މުއިއްޒު

ހިޔާ މަޝްރޫއުގެ ދަށުން އެއް ކޮޓަރީގެ ފްލެޓްތައް އެކަށީގެންވާ މިންވަރަށް ނެތް ކަމަށް ބުނެ، އެ ކެޓަގަރީތައް އުވާލިއިރު އެ ފްލެޓްތައް ލިބޭ މީހުން އިއުލާންކޮށްފައިވާތީ އެމީހުންނަށް އިތުރު އެހެން މަޝްރޫއުއަކުން ބޯހިޔާވަހިކަން ހޯދައިދޭން ޖެހޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު އަސްލަމްއާ އެކު ބައިވެރިވެވަޑައިގެން މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ގެނައި ބަދަލަކާ އެކު އެއް ކޮޓަރީގެ ފްލެޓްތައް އުނި ކުރި ނަމަވެސް އެމީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އިތުރު ގޮތެއް ސަރުކާރުން ހޯދައިދޭން ޖެހޭ ކަމަށެވެ.

ސަރުކާރު ބަދަލުވެ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ބަދަލުކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ނަމަވެސް އެފަދަ ގޮތަކަށް ބަދަލުކުރާ ނަމަ، އެމީހުންނަށް އެހެން ގޮތަކަށް ބޯހިޔާވަހިކަން ހޯދައިދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"އޭރުގެ ސަރުކާރުން ނިންމީ އަލަތު ކައިވެނީގެ ކެޓަގަރީން ކުރިމަތިލި ހުރިހާ އެންމެނަށް ފްލެޓް ހައްގުވާ ކަމަށް ކަނޑައަޅައި ދާއިމީ ލިސްޓް ނެރެން،" ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އޭރު ފްލެޓް ލިބުނު ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުން ވަނީ ބޯހިޔާވަހިކަން ނުލިބި ޝަކުވާކޮށްފަ އެވެ.

"އަލަތު ކައިވެނީގެ ދަށުން ފްލެޓް ލިބުނު މީހުންނަށް މިވަގުތު ގޮތެއް ނެތަސް އަޅުގަނޑު އުއްމީދުކުރަނީ އެމީހުންނަށް ގޮތެއް ހަމަޖެހޭނެ ކަމަށް."

އެއް ކޮޓަރީގެ ފްލެޓްތަކަކީ 18 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް ޚާއްސަ އެޗް11 ކެޓަގަރީ އާއި މާލޭ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ޚާއްސަ އެޗް13 ކެޓަގަރީގެ އިތުރުން އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަކުރި އެޗް15 ކެޓަގަރީ އެވެ. އޭގެ ދަށުން އޭރުގެ ސަރުކާރުން ނިންމީ އެ ފްލެޓްތަކަށް ކުރިމަތިލި އެންމެނަށް ފްލެޓް ދޭށެ އެވެ. އެއީ 1،000 އަށް ވުރެ ގިނަ މީހުންނެވެ.

ހިޔާ މަޝްރޫއު އިއުލާން ކުރިއިރު އެއް ކޮޓަރީގެ ފްލެޓްތައް ދޫކުރަން ހަމަޖައްސާފައި ވަނީ ސަރުކާރު ކުންފުނިތަކުން ހުޅުމާލޭ ފޭސް 2 ގައި އަޅާ ޓަވަރުތަކުން ބައެއް ފްލެޓް ގަތުމަށް ފަހު އެވެ. އެކަމަކު ފްލެޓްތައް ލިބުނު މީހުންގެ ލިސްޓް އުވާލީ، އެކަށީގެންވާ ވަރަށް އެއް ކޮޓަރީގެ ފްލެޓް ލިބެން ނެތުމުންނެވެ.